ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު ބޭއްވި ރާއްޖެ-ސިންގަޕޫރު އިންވެސްޓްމެންޓު ފޯރަމްގައި އެ އެމްއޯޔޫގައި ސޮއި ކުރެއްވީ ރާއްޖޭގެ ފަރާތުން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އަދި ސިންގަޕޫރު ކޯޕަރެޝަން އެންޓަޕްރައިޒް (އެސްސީއީ)ގެ ފަރާތުން ޑެޕިޔުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު ރޭ ލިއަން ޗިއު އެވެ.
މި އެމްއޯޔޫއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ބުނީ އެމްއޯޔޫގެ ދަށުން ދެ ގައުމުގެ ދެމެދު ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމަށް ހަރުދަނާ ބިންގަލެއް ގާއިމްކުރެވޭނެ ކަމަށެވެ.
ފިނޭންސުން ބުނި ގޮތުގައި މި އެމްއޯޔޫގެ މަގުސަދަކީ ސިންގަޕޫރުގެ ޕަބްލިކް ސެކްޓާގެ އިލްމާއި ނަމޫނާ އާދަތައް ބޭނުންކޮށްގެން ރާއްޖޭގައި މުހިންމު ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކުރުމެވެ.
މިއަދު ސޮއި ކުރެވުނު މި އެމްއޯޔޫގެ ދަށުން:
° ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމާއި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރާނެ
° މަސައްކަތުގެ ފެންވަރު ބެލުމާއި ވަޒަންކުރުމުގެ ހަރުދަނާ އޮނިގަނޑުތަކެއް ގާއިމުކުރުން؛ މީގެ ތެރޭގައި މައިގަނޑު މަސައްކަތުގެ ފެންވަރު ދައްކުވައިދޭ މިންގަނޑުތަކާއި (ކޭޕީއައި) ޖަވާބުދާރީވުމުގެ ނިޒާމުތައް އެކުލަވާލުން ހިމެނޭ
° ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މާލީ ހިންގުމާއި ހިންގުމުގެ ހަރުދަނާކަމާއި ވިޔަފާރީގެ އެންމެ ރަނގަޅު އުސޫލުތައް ގެންގުޅުން ހަރުދަނާކުރާނެ.




