ސިންގަޕޫރުގެ ފުޑް އެޖެންސީގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ބައްދަލު ކުރައްވައިފިއެވެ.
ސިންގަޕޫރުގެ ފުޑް އެޖެންސީގެ އިސްވެރިންނާ އެ ކަމަނާ ބައްދަލުކުރެއްވީ އެ ޤައުމުގެ ރައީސްގެ ދަޢުވަތަކަށް ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނުއެވެ.
ސިންގަޕޫރުގެ ފުޑް އެޖެންސީއަށް ވަޑައިގަތުމާއެކު މެޑަމް ސާޖިދާއަށް މަރުޙަބާ ދެންނެވީ އެ އެޖެންސީގެ ޑެޕިއުޓީ ޖެނަރަލް އޮފް ފުޑް އެޑްމިނިސްޓްރޭސަން، ޑޮކްޓަރ ޓޭން ލީ ކިމް އެވެ.
އެކަމަނާގެ މި ޒިޔާރަތުގައި އެ އެޖެންސީގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި ސިންގަޕޫރުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި ރެގިއުލޭޓަރީ އުސޫލުތައް ހަރުދަނާކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ސިންގަޕޫރުގެ ފުޑް އެޖެންސީއަކީ ސިންގަޕޫރުގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ އެ ގައުމުގެ ގައުމީ ޖަމުޢިއްޔާއެވެ. އެ އެޖެންސީގެ މައިގަނޑު މަގުސަދަކީ ދިރާސާތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ އެހީގައި ކާބޯތަކެތީގެ އުފެއްދުންތައް އިތުރުކުރުކޮށް އިމްޕޯޓްކުރާ ކާބޯތަކެއްޗަށް ބަރޯސާވުން ކުޑަކުރުމެވެ.




