އިންޑިއާގެ ދެކުނުގައި ހުންނަ ސިގާޗީ އިންޑަސްޓްރީޒްގެ ކެމިކަލް ފެކްޓްރީއެއްގައި އެއްޗެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 39 އަށް އަރައިފިއެވެ.
އެ ފެކްޓްރީއަކީ ގުޅަ ބޭސް އުފެއްދުމަށް ބޭނުންކުރާ ކޮމްޕޮނަންޓާއި ކޮސްމެޓިކްސް ސަޕްލައި ކުރަމުން ދިޔަ ކުންފުންޏެކެވެ.
އެ ފެކްޓްރީގައި އެއްޗެއް ގޮވާ އަލިިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ އިއްޔެއެވެ.
މަންޒަރު ދުށް މީހުން ބުނީ އެ ފެކްޓްރީގައި ބާރުގަދަ ގޮވުމެއް ގޮވާފައި ވަނީ ބޮމެއް ގޮވާ ގޮތަށް ކަމަށެވެ. އާންމުވެފައިވާ ވީޑިއޯތަކުން ބާރުގަދަ ގޮވުމާއެކު އަލިފާން ރޯވެ، މުޅި އެ އިމާރާތް ކުދިކުދިވާ މަންޒަރު ފެނެެއެވެ.
އެ ސްޓޭޓްގެ ފަޔާ ޑިޒާސްޓާ ރެސްޕޮންސް ސާވިސްގެ ޑިރެކްޓަރު ޖީވީ ނާރަޔަނާ ރާއޯ ވިދާޅުވީ އެ ހާދިސާގައި އެ އިމާރާތް މުޅިން ވެއްޓިފައިވާ ކަމަށެވެ.
އެ މައްސަަލަ ތަހުގީގު ކުުރުމަށް އިންޑިއާގެ ސަރުކާރުން މިހާރު ވަނީ ފަސް މެމްބަރުންގެ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.
އެ ސަރަހައްދުގައި ހަަރަކާތްތެރިވަމުން އަންނަ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަދިވެސް އަންނަނީ އިމާރާތުގެ ދަށުން ގައު ކުނޑިތައް ނަގާ ސާފު ކުރަމުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާގައި މިހާތަނަށްް މަރުވެފައިވާ 39 މީހެއްގެ ހަށިގަނޑު އެ ސަރަހައްދުން ފެނިފައި ވާއިރު 17 މީހަކު ގެއްލިގެން އޮފިޝަލުން އަންނަނީ އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޓިވް އޮފިޝަލް ޕީ ޕްރަވިންޔާ ވިދާޅުވީ މަރުވި މީހުންގެ ތެރެއިން މިހާތަނަށް 25 މީހަކު އަދި އެއީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށެވެ.
އިންޑިއާގެ ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ ހާދިސާ ހިނގި ވަގުތު އެ ޕްލާންޓްގައި 140 އަށް ވުރެ ގިނަ މީހުން ދިޔައީ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން އެ ކުންފުނީގެ މަސައްކަތްތައް 90 ދުވަހަށް މެދުކަނޑާލާފައިވާއިރު އެ ކުންފުނީގެ ހިއްސާ ވަނީ އަށް ޕަސެންޓް ދަށަށް ގޮސްފަ އެވެ.




