ވެކްސިން ހަފްތާ ފާހަގަކުރަން 5 ސުކޫލަކުން 505 ދަރިވަރަކަށް އެޗް.ޕީ.ވީ ވެކްސިން ދީފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މާލެ ސަރަހައްދުގެ ސުކޫލުތައް ގުޅިގެން ކަމަށެވެ.
”މި ހަރަކާތަކީ ދުނިޔޭގެ ވެކްސިން ހަފްތާ އާއި ގުޅިގެން ރޭވުނު ހަރަކާތްތަކުގެ ތެރެއިން ޤައުމީ ވެކްސިން ތާވަލުގައި ހިމެނޭ ވެކްސިން ތަކުގެ ކަވަރޭޖް ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތެއް“ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ހެލްތު މިނިސްޓްރީން ބުނީ ޖޫން މަހު ބޭއްވި މި ހަރަކާތުގައި އިމާދުއްދީން ސްކޫލް، ސަލާހުއްދީން ސްކޫލް، ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް އަދި ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލް ބައިވެރިވެފައިވާ ކަމަށެވެ.
”މި ވެކްސިންއަކީ ހިއުމަން ޕެޕިލޯމާ ވައިރަސް އިން ޖެހޭ ކެންސަރުތަކުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު“ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
އެޗް.ޕީ.ވީ ވެކްސިނަކީ 2019 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ވެކްސިން ތާވަލުގައި ހިމަނައިގެން 10 އަހަރުގެ އަންހެން ކުދިންނަށް ދެމުން އަންނަ ވެކްސިނެކެވެ.



