ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ބަންޑާރަ ގޯތި ލިބުނު މީހުންގެ ގޯތިތަކަށް ސަރުކާރުން ގެނައި ބަދަލާއެކު ބިމުގެ އައު ރަޖިސްޓްރީ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިިިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ގުލީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް މީގެކުރިން ދޫކޮށްފައިވާ އެއްބަސްވުމާއި ރަޖިސްޓްރީ ބާތިލުކުރުމާ ގުޅިގެން ޖޫން މަހުގެ 2 ވަނަ ދުވަހު ގެޒެޓްގައި އާއްމުކޮށްފައިވާ ލިސްޓްގައިވާ ފަރާތްތަކަށް އައު ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އާއި ގޯތީގެ އެއްބަސްވުން ދޫކުރުމަށް މިއަދުން ފެށިގެން އެޕޮއިންޓްމަންޓަށް އެދެވޭނޭ ކަމަށެވެ.
އެހެންކަމުން، މިއަދުން ފެށިގެން ”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް ”ބަންޑާރަ ގޯތީގެ ރަޖިސްޓްރީ“ އަދި ”ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން“ އާ ޙަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މިގޮތުން، ކޮންމެ ގަޑިއަކަށްވެސް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ކަނޑައެޅިފައިވާ ވަކި ޢަދަދެއްގެ ފަރާތްތަކަށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
”2025 ޖުލައި 07 ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން އައު ”ބަންޑާރަ ގޯތީގެ ރަޖިސްޓްރީ“ އާއި ”ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން“ ދޫކުރުމަށް ކަނޑައަޅާފައިވާކަން ދަންނަވަން“ ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެޕޮއިންޓްމަންޓަށް އެދޭއިރު ”ހިޔާވެހި ޕޯޓަލް“ އަށް ހުށަހަޅަން ޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ ލިޔުންތައް:
- އައު ”ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން“ ގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ޙާޟިރުވާނެ 01 (އެކެއް) ފަރާތުގެ އައިޑީ ކާޑު ކޮޕީ.
- ގޯތިލިބޭ ފަރާތް/ފަރާތްތަކެއްގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވަން ބޭނުންވާނަމަ، ”ހިޔާވެހި ޕޯޓަލް“ ގައި ހިމަނާފައިވާ ޕަވަރ އޮފް އެޓަރނީ އަދި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ. (ޕަވަރ އޮފް އެޓަރނީ ބަލައިގެވޭނީ، ނޮޓަރައިޒްކުރެވިފައިވާ ޕަވަރ އޮފް އެޓަރނީ އަދި ނޮޓަރީ ސެޓްފިކެޓް ހުށަހެޅުމުންނެވެ.)
- މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ ”ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން“ ގެ ކޮޕީ.
- މިނިސްޓްރީ އިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ ”ބަންޑާރަ ގޯތީގެ ރަޖިސްޓަރީ“ ގެ ކޮޕީ.
މީގެ އިތުރުން އެޕޮއިންޓްމަންޓަށް ހަމަޖައްސާފައިވާ ތާރީޚާއި ގަޑި އަށް މިނިސްޓްރީން އަންގާ ތަނަށް ހާޒިރުވުމުން އައު ”ބަންޑާރަ ގޯތީގެ އެއްބަސްވުން“ އަދި ”ބަންޑާރަ ގޯތީގެ ރަޖިސްޓްރީ“ ޙަވާލުކުރެވޭނެ ކަމަށާއި އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓް ފަހުން ޙާޟިރުވާ ފަރާތްތަކާއި ލިޔެކިޔުންތައް ފުރިހަމަނުކޮށް ޙާޟިރުވާ ފަރާތްތަކަށް އެދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އަދި އެ ޙާލަތުގައި އެ ފަރާތަށް އަލުން އެހެން ތާރީޚަކާއި ގަޑިއަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުޞަތު ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެެއެވެ.



