ސިންގަޕޫރުގެ އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އައި.ޓީ.އީ) ހެޑްކުއާޓާޒްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒިޔާރަތް ކުރައްވައިފިއެވެ.
ސިންގަޕޫރުގެ އައި.ޓީ.އީ ހެޑްކުއާޓާޒްއަށް ރައީސް ޒިޔާރަތްކުރައްވާފައި ވަނީ އެ މަނިކުފާނު ސިންގަޕޫރަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު އެވެ.
ރައީސް ވަނީ ސިންގަޕޫރުގެ އައި.ޓީ.އީ ހެޑްކުއާޓާޒްއާއި އައި.ޓީ.އީ ކޮލެޖް ސެންޓްރަލްއަށް މިއަދު ޒިޔާރަތްކުރައްވާފައެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރްޙަބާ ވިދާޅުވީ އައި.ޓީ.އީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑރ. ގޯ މޮންގް ސޮންގްއެވެ.
އައި.ޓީ.އީގެ ސަބްސިޑަރީއެއް ކަމަށްވާ، އައި.ޓީ.އީ އެޑިއުކޭޝަން ސާވިސަސް (އައި.ޓީ.އީ.އެސް) މެދުވެރިކޮށް، އެ މުއައްސަސާއިން ދަނީ، ބޭރު ޤައުމުތަކުގެ ސަރުކާރުތަކާއި، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާއި، އަމިއްލަ ފަރާތްތަކަށް، ހުނަރު ތަރައްޤީ ކުރުމާއި ވޮކޭޝަނަލް ތަމްރީނު ފޯރުކޮށްދެމުންނެވެ.
މިއަދުގެ މި ޒިޔާރަތުގައި، އައި.ޓީ.އީގެ މެނޭޖްމަންޓުން ވަނީ، އިންސްޓިޓިއުޝަނަލް ޕާޓްނަރެއްގެ ގޮތުގައި ދިވެހިރާއްޖެއަށް މަރްޙަބާ ކިޔާކަން ހާމަކުރައްވާފައެވެ.
އައި.ޓީ.އީގެ މެނޭޖްމަންޓުން ފާހަގަކުރައްވާ ގޮތުގައި، ފަންނީ ހުނަރުވެރިކަމާއިއެކު ސޮފްޓް ސްކިލްސް ނުވަތަ އެކަކު އަނެކަކާއެކު ހަރުދަނާ އުސްލޫބުތަކުގައި ހިފަހައްޓައިގެން އުޅުމުގެ ހުނަރުވެރިކަމަށް އެ މުއައްސަސާއިން ޚާއްޞަ ސަމާލުކަމެއްދެއެވެ. އަދި، އައި.ޓީ.އީގައި ބޭނުންކުރާ މުޤައްރަރުތަކަކީ ދާއިރާގެ ތަޖުރިބާކާރުންގެ ރަޢުޔުގެ މައްޗަށް ބިނާކުރެވޭ މުޤައްރަރުތަކެއްކަންވެސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ސިންގަޕޫރަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް، އެ މަނިކުފާނުގެ އަރިހުގައި، ބައިވެރިވެ ވަޑައިގަންނަވައެވެ.



