ހެލިކޮޕްޓަރުގެ ޚިދުމަތްދޭން ފަށަން ވާންޖެހޭ ތައްޔާރީތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މީގެ 25 އަހަރުކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ހުއްޓާލީ ދިމާވީ ހިތާމަވެރި ހާދިސާތަކަކާ ގުޅިގެން ކަމަށެވެ.
”އަލުން މި ޚިދުމަތް ފަށާއިރު ބޭނުންވަނީ ޔޫކޭ ސީއޭ އެސެސްމަންޓް ސްޓަޑީއަކާއެކު ފެންވަރު ރަނގަޅު ރައްކާތެރި ޚިދުމަތެއް ދެވޭނެ ގޮތަކަށް ފަށަން، މި ޚިދުމަތުގައި ބޭނުންކުރާނީ ރައްކާތެރިކަމުގެ މިންގަނޑު އެންމެ މަތީ ހެލިކޮޕްޓަރުތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވަރަށް އަވަހަށް ރާއްޖޭގައި އަލުން ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ފެށޭނެ ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތްދޭން ސަރުކާރުން ނިންމާފައިވާއިރު، އެކަމުގައި އެންމެ ބޮޑަށް ވިސްނާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.
”މި ޚިދުމަތުގައި ބޭނުން ކުރާނީ އެންމެ ރައްކާތެރި ޓްވިން އިންޖީން ހެލިކޮޕްޓަރު“ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން ނިންމާ ސަރުކާރުން އެ ކަން އިއުލާން ކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.



