ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި ޤާއިމުކުރަން ހަމަޖެހިފައިވާ އިސްލާމީ ލައިބްރަރީތަކަށް ބޭރުގެ ޔުނިވާސިޓީއަކުން 60،000 ފޮތް ހަދިޔާކުރަން ނިންމާފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގެ އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ޤައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ނިންމާފައިވާ ކަަމަށެވެ.
“ ދިއްދޫ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި އުނގޫފާރު އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ތިނަދޫ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި އައްޑޫ އިސްލާމިކް ސެންޓަރ ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ޤާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ޤައުމެެއްގެ ޔުނިވަރސިޓީއަކުން ވަނީ ހަމަޖެހިފައި“ އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
އެގޮތުން ބޭރުގެ ޔުނިވާސިޓީއަކުން 60 ހާސް ފޮތް ލިބޭނެ ކަމަށް އަންގާފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މީގެ ތެރެއިން މިހާރު ހުޅުވާފައިވާ މަރުކަޒުތަކުގައި ލައިބްރަރީ ޤާއިމު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.



