ގއ. ދެއްވަދޫ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
މިއީ އެ ރަށު ކައުންސިލުން އެދިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ތިނަދޫ ޕަބްލިކް ވަރކްސް ޔުނިޓާއި، އެމްޓީސީސީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
އެގޮތުންެ އެ މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ވެހިކަލް ތިނަދޫ ޕަބްލިކް ވަރކްސް ޔުނިޓުން މިއަދު ހެނދުނު ވަނީ ދެއްވަދޫ އަށް ގެންގޮސްފައެވެ.
ދެއްވަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެ ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތަކީ އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަސައްކަތެއް ކަމަށެވެެ. ނަމަވެސް މަސައްކަތް މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން ޚާއްޞަކޮށް މި ދުވަސްވަރު އެ ސަރަޙައްދު އާދަޔާ ޚިލާފަށް ގިރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މިހާރު ފެށުމަށް ތައްޔާރުވަމުންދާ މި މަސައްކަތަކީ ވަގުތީ ޙައްލެއް ހޯދުމުގެ ގޮތުން ކުރެވޭ މަސައްކަތެއް ކަމަށް ދެއްވަދޫ ކައުންސިލްގެ ރައީސް އާ ހަވާލާދީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިން ބުނެފައި ވެއެވެ.




