ކުޅުދުއްފުށި ސިޓީއާއި ފ. ނިލަންދޫގައި ޓެލެ މެޑިސިންގެ ހިދުމަތް ފަށަން ތައްޔާރު ވެއްޖެއެވެ.
މިކަންހާމަކުރައްވާފައި ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، އާސަންދަ އާއި އެންސްޕާގެ ވެރިން ހާޒިރުކޮށް، ޑޮކްޓަރަށް ދެއްކުމާއި ސިއްހީ ދާއިރާގައި ހުރި އާންމުންގެ ކަންބޮޑުވުން ހުންނަ މައްސަލަތަކާ ގުޅޭގޮތުން އެ ކޮމިޓީގައި ބޭއްވި ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު، ޑރ. އާމިނަތު ޒޭބާ އަހުމަދު އެވެ.
އެ ދެ ސަރަހައްދުގައި ޓެލެ މެޑިސިން ފަށަން ތައްޔާރުވެފައިވާ ކަމަށް ހާމަކުރައްވާ ޑރ. ޒޭބާ ވަނީ ފަރުވާއަށް ރަށްރަށުން މާލެ އައި ނަމަވެސް އަވަސް މުއްދަތެއްގައި ޓެސްޓުތައް ހަދައި ޑޮކްޓަރަށް ނުދެއްކޭ ނަމަ ބަލި މީހުންނަށް އުނދަގޫތައް ކުރިމަތިވާކަން ފާހަގަ ކުރައްވާފައެވެ.
ޒޭބާ ވިދާޅުވީ ޓެލެ މެޑިސިންގެ ހިދުމަތް ފެށުމުން އެ އުނދަގޫތައް ކުޑަކުރެވޭނެ ކަމަށެވެ.
މިގޮތުން ބަލި މީހުން ގިނަ ދުވަސް ވަންދެން މާލޭގައި މަޑުކުރަން ނުޖެހި ޓެލެމެޑިސިންގެ ޒަރިއްޔާއިން ޑޮކްޓަރަށް ދެއްކޭނެ ކަމަށް ޒޭބާ ވިދާޅުވިއެވެ.
އެހެންކަމުން ހެލްތު މިނިސްޓްރީގެ އަމާޒަކީ އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލުތަކުގައި ޓެލެ މެޑިސިންގެ ސިސްޓަމް ގާއިމްކުރުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
”ސަރުކާރުން މިހާރު އަންނަނީ ހދ. ކުޅުދުއްފުއްޓާއި ފ. ނިލަންދޫގައި ޓެލެ މެޑިސިންގެ ހިދުމަތް ފަށަން ތައްޔާރުވަމުން، އެކަމުގެ ޓެސްޓު ބުރުތަކެއް މި ހަފުތާގައި ވަނީ ބާއްވާފައި“ ޒޭބާ ވިދާޅުވިއެވެ.
ޒޭބާ ވިދާޅުވީ ޓެލެ މެޑިސިން ސިސްޓަމްގައި، ބަލި މީހާގެ ފުއްޕާމޭގައި ސްތެތެސްކޮޕް ޖައްސާ އަޑު ވެސް އިވޭނެ ކަމަށާއި ހިތުގެ ވިންދުގެ އަޑު ވެސް އިވޭނެ ކަމަށެވެ.



