ސިފައިންގެއަށް 38 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވި ރިޓަޔާޑް ވޮރަންޓް އޮފިސަރު 2 ޙަސަން އަބޫބަކުރު (ބޮޑު ހަސަނު) ނިޔާވެއްޖެއެވެ.
ބޮޑު ހަސަނު ނިޔާވީ ރޭގެ ވަގުތެއްގައި އަވަށްޓެރި ޝްރީ ލަންކާ ގައެވެ. އޭނާ ނިޔާވީއިރު އުމުރުން 77 އަހަރެވެ.
ސިފައިންގެ އަސްކަރީ ތާރީޚާއި، އަދަބީ ކަންކަމުގައި ގިނަ ލިޔުންތަކެއް ލިޔުއްވާ ބޭފުޅެއްކަމަށްވާ، ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސައީދު ލިޔުއްވައިފައިވާ ގޮތުގައި، ޙަސަން އަބޫބަކުރު ސިފައިންގެ ޚިދުމަތާ ގުޅިލެއްވީ 1970ވަނަ އަހަރުގެ އޯގަސްޓު މަހުގެ 13ވަނަ ދުވަހެވެ. އަދި އެ ޚިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔާކުރެއްވީ 2009ވަަނަ އަހަރުގެ އޯގަސްޓް މަހުގެ އެއްވަނަ ދުވަހެވެ.
ސައީދު ލިޔުއްވާފައިވާ ގޮތުގައި، ބޮޑު ހަސަނު ފާހަގަ ކޮށްލެވެނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ތަމަޅަ ޓައިގަރުން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ދުޝްމަނުންނާ ދެކޮޅަށް ހަރަކާތްތެރިވި ސިފައިންނާ އެކު މަސައްކަތްކުރެއްވި ހިތްވަރުގަދަ، ބިރު ކުޑަ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

އެގޮތުން އެ ބިރުވެރި ދުވަހުގައި ގިރިފުށްޓަށް ހަތިޔާރު ބަލައި ދިޔަ ޓީމުގެ މެންބަރުންގެ ތެރޭ އޭނާ ހިމެނޭކަމަށާއި އިންޑިއާ ސިފައިން މާލެ އެރިތަނުން ގިރިފުށިން ހަތިޔާރު ހިފައިގެން އައި މި ޓީމު ފެނިގެން އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ބޮޑު ހަސަނު ހިމެނޭކަމަށް ސައީދު ވިދާޅުވެފައިވެއެވެ.
”އަދި އިންޑިއާ ސިފައިންނަށް މިއީ ދިވެހި ސިފައިންގެ ބައެއްކަށް ޔަގީންވަންދެން ޙަސަންބެމެން ތިއްބެވީ އިންޑިއާ ސިފައިންގެ ބަޑިތަކުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސުވާފަ“ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ލިޔުއްވާފައިވެއެވެ.
ހަސަން އަބޫބަކުރު (ބޮޑު ހަސަނު) އަކީ ސިފައިންގޭގައި އެއްގަމު އުޅަނދުފަހަރާއި އިންޖިނިއަރިންގެ ޚިދުމަތް ދިނުމަށް 1978 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 14ވަނަ ދުވަހު އެންމެ ފުރަތަމަ ޔުނިޓެއް އުފެއްދެވިއިރު ތިއްބެވި ތިން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
މީގެ އިތުރުން އޭނާ ހިދުމަތް ކުރައްވާފައިވާ އަނެއް ޔުނިޓަކީ ކުރީގެ ޓްރާންސްޕޯޓް ސާވިސް ނުވަތަ މިހާރުގެ ސަޕްލައި އެންޑް ޓްރާންސްޕޯޓް ސާވިސް (އެސްޓީއެސް) ޔުނިޓު ކަމަށާއި، ބޮޑު ހަސަނު ސިފައިންގެއިން ރިޓަޔާކުރެއްވިއިރު ހުންނެވީ ޓްރާންސްޕޯޓް ސާވިސްގެ ޚިދުމަތުގައި ކަމަށް ވެސް ސައީދު ލިޔުއްވައިފައިވެއެވެ.
ހަސަން އަބޫބަކުރު ނުވަތަ ބޮޑު ހަސަނުގެ މައްޗަަށް ކަށުނަމާދު ކުރުން އޮތީ މިއަދު މެންދުރު ނަމާދަށްފަހު ޝްރީ ލަންކާގެ ޖާވަތާ ޖުމްމަ މަސްޖިދު ގައެވެ.




