ކުރީގެ ޗީފް އޮފް ޑިފެންސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު، ދައުލަތުން އެ މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
ޝިޔާމަށް ދައުވާ ކޮށްފައިވަނީ ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގޭގައި ޝިޔާމްގެ ބައްފަ ދިރިއުޅުނު ކަމަށާއި ޝިޔާމްގެ ބައްޕަ އެ ފެސިލިޓީގައި އުޅުނީ އޭނާގެ އެންގުމަށް ކަމަށް ތުހުމަތު ކޮށްފައެވެ. އަދި އޭނާގެ ބައްޕައަށް ސިފައިން އެކި ހިދުމަތްތައް ވެސް ދިން ކަމަށް ދައުވާގައި ބުނެފައިވެއެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރު ހުކުމް ކޮށްފައެވެ. އެހެންކަމުން ދައުލަތުން މިއަހަރުގެ ޖެނުއަރީ މަހު ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން އެދި ހުށަހަޅާފައެވެ.
ނަމަވެސް އިސްތިއުނާފު މައްސަލަ ކުރިއަށް ދަނިކޮށް ހައިކޯޓުން ވަނީ ދައުވާ އަނބުރާ ގެންދަން މިދިޔަ ޖޫން މަހުގެ 30ވަނަ ދުވަހު ނިންމާފައެވެ.
ދައުވާ ބާތިލްކޮށް ހައިކޯޓުން ނެރުނު ރިޕޯޓުގައި ވަނީ މި މައްސަލަ ހިނގައިދިޔަތާ ހަތް އަހަރުވެފައި ވާއިރު، ޝިއާމުގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައި ނުވާތީ މި މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް އޮތްކަމަށް އެ އޮފީހަށް ނުފެންނަ ކަމަށެވެ.
ޝިޔާމާމެދު ދައުލަތުން ތުހުމަތުކޮށްފައިވަނީ، ވީއައިޕީ ގެއެއްގައި، 2017ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް، އޭނާގެ ބައްޕަ ދިރިއުޅުމަށް ބަހައްޓައި، އެ މުއްދަތުގައި އެނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކުރި ކަމަށެވެ.



