ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރޭ މާލެ ވަޑައިގަންނަވައިފި އެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާމެދު، ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޮންގާއާއެކު މަޝްވަރާތައް ކުރިއަށްގެންދަވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އެއް ޤައުމުން އަނެއްޤައުމަށް އެއްބާރުލުން ދިނުމާ ގުޅުންހުރި ފަހުމުނާމާތަކާއި އެއްބަސްވުންތަކުގައި ވަނީ ސޮއި ވެސް ކުރައްވާފައެވެ.
އެގޮތުން، ޤާބިލުކަން އިތުރުކުރުމުގެ ދާއިރާއިންނާއި، ތިމާވެށީގެ ތަރައްޤީގެ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ވަނީ ސޮއިކުރައްވާފައެވެ.
މީގެއިތުރުން، ސިންގަޕޯ ކޯޕަރޭޝަން އެންޓަޕްރައިޒާ އެކު ފަހުމުނާމާއެއްގައި ސޮއި ކުރައްވާފައިވެއެވެ. އަދި ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ހެންލީ އެންޑް ޕާޓްނާރސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައި، ޕްރޮޖެކްޓް ސޯލާ ސިޓީ އިންވެސްޓްމަންޓާ ގުޅޭގޮތުން ދިވެހި ސަރުކާރާއި އޭ.ޕީ.އެމް އެސް.ޕީ.ވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
މި އަހަރަކީ ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރާ އަހަރުކަމަށް ވާތީ، ދެ ޤައުމުގެ 50 އަހަރުވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކުލަވާލައްވާފައިވާ ޚާއްސަ ފޮތެއް، ރައީސް މުޢިއްޒު ވަނީ، ސިންގަޕޫރުގެ ރައީސަށް ހަދިޔާކުރައްވާފައެވެ. އަދި އެމަނިކުފާނާއި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ވަނީ، މި މުނާސަބަތާ ގުޅޭ ހަނދާނީ ސްޓޭމްޕް އިފްތިތާޙު ކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މޯލްޑިވްސް- ސިންގަޕޯރ ބިޒްނަސް ފޯރަމްގައި ދިވެހި ސަރުކާރުން ވަނީ، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި ވަކިވަކި ފަރުދުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އަގުވަޒަންކުރައްވައި އެ ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވާފައެވެ. މި ފޯރަމްގައި ވަނީ، 2040 ވަނަ އަހަރަށް ދިވެހި ސަރުކާރުން ދެކޭ ތަޞައްވުރާ ގުޅުންހުރި ވުނަކުރުމުގެ ފުރުޞަތުތައްވެސް ހިއްސާކުރައްވާފައެވެ.
މި ދަތުރުފުޅުގައި، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވާފައިވެއެވެ. އަދި މި ދަތުރުފުޅުގައި، އެ ޤައުމުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަނާއި އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި، ޓުއަސް ޕޯޓާއި، ޕްރާނަކަން ދާރުލްއާސާރާއި، ސިންގަޕޯ ފުޑް އޭޖެންސީއަށް ޒިޔާރަތް ކުރެއްވިއެވެ.




