ޝަރީއަތަށް އެއްބާރުލުން ދޭން ޝަރުތުކޮށް ހަސަން މަމްދޫހް (ކޭޕާކް މަމްދޫހް / މަންޑޭ) މިއަދު ބަންދުން ދޫކޮށްލައިފިއެވެ.
މަންޑޭއަށް ދައުވާ ކޮށްފައިވަނީ ހުޅުމާލޭގައި ތަރައްގީ ކުރާ ކޭ-ޕާކު ރެސިޑެންސް ވިއްކުމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހެދި މައްސަލައިގައެވެ.
މި މައްސަލާގައި މަންޑޭ އާއި ކަމުގައި އޭނާއާ ބައިވެރިވި ކަމަށް ބުނާ ޖައިޝަން ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ ގިނަ އަޑުއެހުންތައް ކުރިން ކެންސަލް ކުރަން ޖެހުނީ މަންޑޭ ޝަރީއަތަށް ހާޒިރުނުވެގެންނެވެ.
އެގޮތުން އޭނާވަނީ ޝަރީތަށް ހާޒިރު ނުވެ، ޑޮކްޓަރުންގެ ލިޔެކިޔުން ވެސް ޝަރީއަތަށް ހުށަހަޅާފައެވެ.
ނަމަވެސް އެ ލިޔެކިޔުންތަކުގައި ޝަރީއަތަށް ހާޒިރު ނުވެވޭވަރު ސަބަބެއް ނެތުމުންނާއި ޤަވާއިދުން ޝަރީއަތަށް ހާޒިރު ނުވާތީ، ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން އަމުރު ކުރީ މިދިޔަ ހަފްތާގައެވެ.
މި މައްސަލައާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ނަދީން ވަނީ، ޝަރީއަތަށް އެއްބާރުލުން ދޭން ޝަރުތުކޮށް މަންޑޭ ދޫކޮށްލަން ނިންމަވާފައެވެ. އަދި ކުރިއަށް އޮތް އަޑުއެހުންތަކުގައި ވެސް އެއްބާރުލުން ނުދީފިނަމަ އަލުން އަނެއްކާ ބަންދުކުރަން އަމުރު ކުރައްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވެފައިވެއެވެ.
މަކަރާއި ހީލަތުން ޖުމްލަ 23 އެޕާޓްމަންޓެއް ވިއްކާފައިވާ ކަމަށް ބުނާ މައްސަލާގައި ލަނޑު ލިބުނު 50 އަށް ވުރެ ގިނަ މީހުން ތިބި އިރު، މަންޑޭއާ ދެކޮޅަށް އެއިން ކޮންމެ މައްސަލައެއް ވަކިވަކިން ދައުވާކޮށްފައިވެއެވެ.
އެގޮތުން މަންޑޭގެ މައްޗަށް ވަނީ ޖުމްލަ 104 ދައުވާއެއް ކޮށްފައެވެ.
އެއީ:
° ޓެކުމުގެ ކުށުގެ 50 ދައުވާ
° އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާ
° މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ
° މަނީ ލޯންޑަރިންގްގެ 1 ދައުވާ
ބާކީ 74 ދައުވާ އުފުލާފައިވަނީ، މިކަމުގައި އޭނާއާ ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ޖައިޝާން ސައީދުގެ މައްޗަށެވެ.
އެއީ:
° އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 47 ދައުވާ
° ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 27 ދައުވާ
° ޓެކުމުގެ ކުށުގެ 20 ދައުވާ
° މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ



