މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މާލީ ގެއްލުމުގެ ހާލަތުގެ މައިގަނޑު ސަބަބަކީ، ކުރީ ސަރުކާރުގެ ފާއިތުވީ ހަތަރު އަހަރު ތެރޭގައި ޖަމާވެފައިވާ ގެއްލުން ކަމުގައި އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ އިޝްތިހާރު ކުރުމުގެ އެންމެ ބޮޑު މަސައްކަތެއް ކުރަމުން އަންނަ ކުންފުނި، އެމްއެމްޕީއާރްސީގެ ހިސާބުތަކުން ކަންބޮޑުވުން އިތުރުވެފައިވާކަން ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައި ހުރުމުންނެވެ.
އެކަމާ ގުޅޭގޮތުން އެމްއެމްޕީއާރްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކޯޕަރޭޝަންގެ ވޭތުވެދިޔަ ހަތަރު އަހަރުގެ މާލީ ރިކޯޑުތަކުން ދައްކާ ގޮތުގައި ޖުމްލަ 203،891،026 ރުފިޔާގެ މާލޭ ގެއްލުމެއް އެމްއެމްޕީއާރްސީއަށް ލިބިފައިވާ ކަމަށެވެ.
އެއީ:
2020 ވަނަ އަހަރު – 1،624،866 ރުފިޔާ
2021 ވަނަ އަހަރު – 141،977،908 ރުފިޔާ
2022 ވަނަ އަހަރު – 42،290،590 ރުފިޔާ
2023 ވަނަ އަހަރު – 17،997،662 ރުފިޔާ
މިއީ އެމްއެމްޕީއާރްސީ މާލީ ގެއްލުމުގެ ހާލަތަކަށް ވެއްޓުނު އެންމެ ބޮޑު ސަބަބު ކަމުގައި އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓު ބިނާވެފައިވަނީ ފާއިތުވީ ހަ އަހަރުގެ މާލީ ހިސާބުތަކުގެ މައްޗަށްކަން ފާހަގަ ކުރަމުން އެމްއެމްޕީއާރްސީން ބުނީ، މި ފާއިތުވީ އަހަރު ތެރޭގައި އެ ކޯޕަރޭޝަންގެ މަސައްކަތްތައް ހިންގުން އިސްލާހުކޮށް، އިތުރަަށް ހަރުދަނާކޮށް މިހާރަަށްވުރެ ރަނގަޅު މަގަކަށް ވާސިލުވުމަށް ގިނަ ފިޔަވަޅުތަކެއް އަަޅަމުންދާ ކަމަށެވެ.
އެގޮތުން މާލީ ގޮތުން ބަލާއިރު މިހާރު ހިނގަމުންދާ ހަރަދުތައް %10 ކުޑަ ކުރެވިފައިވާ ކަމަށާއި އެމްއެމްޕީއާރްސީން ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަރޝިޕްތަކުގެ ފުރިހަމަ އެސެސްމަންޓެއް ހަދައި، ޕާފޯމަންސް ރިވިއުތަކުގެ މައްޗަށް ބިނާކޮށް ޕީއާރް އެޖެންސީތަކުގެ އަދަދު 21 އިން 6 އަަށް ކުޑަކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ. އަދި ހަމައެކަނި އެ މަސައްކަތުގެ ސަބަބުން ހަތަރު މިލިއަނަަށްވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވިފައިވާކަން އެމްއެމްޕީއާރްސީން ފާހަގަކޮށްފައިވެއެވެ.



