ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގައި ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ނެޝެނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުދޫގައި ފަށާފައިވާ ކަމަށެވެ.
އަދި އެ ޚިދުމަތް އެ ދެ ސިޓީގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށް ޑީއެންއާރް އިން ބުނެފައި ވެއެވެ.
މިގޮތުން އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑީއެންއާރުން ބުނެފައިވެއެވެ.
ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ.
އެގޮތުން މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން މި އަސާސީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ.
މީގެ އިތުރުން، ދިވެހީން އާންމުކޮށް ދަތުރުކުރާ ބޭރު ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ޑީއެންއާރުން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ރާއްޖެއިން ބޭރުގައި އައިޑީކާޑުގެ ޙިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.
އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ.ވިލިނގިލީގައެވެ.



