މިދިޔަ 18 އޭޕްރީލްގައި ހ. މިޓާޒުގޭ ގުދަނުގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލާ މާލޭގައި ކުރިއަށް ގެންދިޔަ ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް އުޅުނު އަބްދުﷲ މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުވާކޮށްފިއެވެ.
ޔުމްނު ވެއްޓުނު ހާދިސާ ފުލުހުން ތަހުގީގުކުރާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޒުވާނުންތަކެއް ވަނީ މާލޭ މަޖީދީމަގުގައި މުޒާހަރާ ކޮށްފައެވެ.
އެ މުޒާހަރާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޝިމަން އާއި މަހްޒޫމް ފުލުހުންގެ ބެލުމުގެ ދަށަށް ކުރިން ގެންގޮސް، ތިން ދުވަހަށް ބަންދުވެސް ކުރިއެވެ.
އޭގެފަހުން އެމީހުން ދޫކޮށްލުމަށް ނިންމުމަށްފަހު، އެ މީހުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
އެގޮތުން ޕީޖީން މަހްޒޫމްގެ މައްޗަށް ކޮށްފައިވަނީ:
° ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ށ)ގެ 3 ވަނަ ނަންބަރުގެ ދަށުން
° އެ މާއްދާގައި އޮންނަނީ އަނިޔާއެއް ކުރުމުގެ ދައުވާ؛ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަސް
° ސަބަބަކަށް ބުނަނީ މުޒާހަރާކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަޑުގަދަކުރާ ނެގި ވަގުތު، މަހްޒޫމް ފުލުހެއްގެ މޭ މަތީގައި ކަނާއަތުން އަޅައި ކޮއްޕާލާފައިވާތީ.
ޝިމަންގެ މައްޗަށް ދައުވާކޮށްފައިވަނީ:
° ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުން
° ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ؛ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަސް
° ސަބަބަކަށް ބުނަނީ މުޒާހަރާކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަޑުގަދަކުރާ ނެގި ވަގުތު، ފުލުހުންގެ ސަފު ރޫޅާލުމަށް ފަހު ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއަޅާފައިވާތީ



