ބައިނަލްއަޤުވާމީ މާލީ ނިޒާމުގެ އޮނިގަނޑަށް އަސާސީ އިޞްލާޙުތައް ގެނައުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފާހަގަކުރައްވައިފިއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ބޭއްވި މަލްޓި-ސްޓޭކްހޯލްޑަރ ރައުންޑްޓޭބަލް 6: ”ރިފޯމިންގ ދަ އިންޓަރނޭޝަނަލް ފައިނޭންޝަލް އާކިޓެކްޗަރ އެންޑް އެޑްރެސިންގ ސިސްޓެމިކް އިޝޫސް“ ގައި ތަޤުރީރު ކުރައްވަމުންނެވެ.
ދުނިޔޭގެ މާލީ އޮނިގަނޑު އިޞްލާޙުކުރުމަށް ވަގުތުން އަޅަންޖެހޭ މުހިންމު ތިން ފިޔަވަޅެއް ފާހަގަކުރައްވަމުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް)، ބައިނަލްއަޤުވާމީ މާލީ މުއައްސަސާތަކުގައި ހަމަހަމަކަމާއެކު ތަމްސީލުކުރޭތޯ ޔަޤީންކުރުމަށް އެ މަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
“ ކޯޓާތައް އަދާހަމަކުރުމާއި، ވޯޓުދިނުމުގެ ޙައްޤު އިތުރުކުރުމާއި، ނިންމުންތައް ނިންމުމުގެ ޤަވާޢިދުތައް އިޞްލާޙުކުރުމާއި، ބޯޑުތަކުގައި ބައިވެރިވުން ފުޅާކުރުމާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ބެލެހެއްޓުމާއި، މާލީ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ހަރުދަނާކުރަން ޖެހޭ“ ނައިބު ރައީސް ވިދާޅުވެފައި ވެއެވެ.
އަދި އެކަށީގެންވާ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ދަރަނީގެ މައްސަލަ ވިލުންތެރި ގޮތެއްގައި ޙައްލުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިތުރު ދަރަންޏަކަށް ބަރޯސާނުވެ ’ވިލުންތެރިކަން ބިނާކުރުމަށް ދަރަނިން ލުއި ލިބޭ‘ ނިޒާމެއް ގާއިމުކުރުމަށް ވެސް އެ މަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން، ދެފުށްފެންނަ މިންވަރު އިތުރުކުރުމާއި، ބައިނަލްއަޤުވާމީ އެއްބާރުލުން ބޮޑުކުރުމާއި، ސިޑްސް އަށް އިންސާފުވެރި ކްރެޑިޓް ރޭޓިންގްއެއް ޤާއިމުކުރުމަށްވެސް އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އެފް.އެފް.ޑީ.4 ގައި ބައިވެރިވަޑައިގަތުމަށް ނައިބު ރައީސް މި ވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ.



