އަންނަ ރަމަޟާން މަހުގެ 27 ވިލޭރޭގައި ގިނަ އަދަދެއްގެ ޙާފިޒުން ދަސްވެނިވާނެ ކަމަށް އިސްްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިއަންނަ ރަމަޟާން މަހުގެ 27 ވިލޭރޭގައި ގިނަ އަދަދެއްގެ ޙާފިޒުން ދަސްވެނިވާނެ ކަމަށެވެ.
”މިދިޔަ 27 ވިލޭރެއާ ބަލާފަ ދެ ގުނަ ގިނަވާނެ. އިންޝާ ﷲ. މި ހަފްތާގައި ވެސް ރާއްޖޭގެ 3 ސަރަހައްދެއްގައި ހާފިޒުންގެ އިމްތިހާނު ކުރިއަށް އެބަދޭ“ މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ޤުރުއާން ހިތުދަސްކުރާ ކުދީންނަށް އިނާމު ހަވާލުކުރުމަށް ޚާއްސަކޮށް މި ސަރުކާރުން ވަނީ ރަމަޟާން މަހުގެ 27 ވިލޭރޭ ހަފްލާ ބާއްވަން ނިންމާފައެވެ. މި އަހަރު ފުރަތަމަަ ފަހަރަށް ބޭއްވި އެ ހަފްލާގައި 20-25 އަދަދަކަށް ކުދިިންވަނީ ޤުރުއާން ހިތުދަސްކޮށް ސަނަދު ހާސިލްކޮށްފައެވެ.
މި ވަގުތު ރާއްޖޭގައި 20 ސެންޓަރެއްގައި ދަރިވަރުން އަންނަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ. އެގޮތުން ރާއްޖޭގައި މުޅި ޖުމްލަ 1،434 ދަރިވަރުން ހިމެނޭހެން 783 އަންހެން އަދި 651 ފިރިހެން ދަރިވަރުން އަންނަނީ ޤުރުއާން ހިތުދަސްކުރަމުނެވެ.



