ފަލަސްތީނުގެ ޖަމާއަތްތަކުން ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއަށް ހަމަލާތަކެއް ދީފިއެވެ.
އެ ހަމަލާތައް ދީފައި ވަނީ ފަލަސްތީނު އިސްލާމިކް ޖިހާދުގެ އަސްކަރީ ގޮފި ކަމަށްވާ ”ޤުދުސް ބްރިގޭޑް“ އަދިި، ”ޝަހީދު އަބޫ އަލީ މުސްތަފާ ބްރިގޭޑްސް“ ގުޅުގެންނެވެ.
އެގޮތުން އެ ހަމަލާތައް ދީފައިވަނީ ރޭގެ ވަގުތެއްގައެވެ.
ފަލަސްތީނު އިސްލާމިކް ޖިހާދުގެ އަސްކަރީ ގޮފި ޤުދުސް ބްރިގޭޑުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގެ ދެކުނުގައި ހުންނަ އިސްރާއީލުގެ އަސްކަރީ ކޮމާންޑް އެންޑް ކޮންޓްރޯލް ހެޑްކުއާޓަރަށް މިސައިލަކުން ސީދާ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
އަދި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޕޮޕިއުލާ ފްރަންޓްގެ ބައެއް ކަމަށްވާ ”ޝަހީދު އަބޫ އަލީ މުސްތަފާ ބްރިގޭޑްސް“ އާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ޣައްޒާގެ ދެކުނުގައި ޚާން ޔުނިސްގެ އުތުރުން އިސްރާއީލުގެ އަސްކަރިއްޔާގެ މަރުކަޒުތަކަށާއި އެއްވުންތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް އެ ބަޔާނުގައި ބުނެފަައި ވެއެވެ.
އެ ހަމަލާތަކުގައި ޚާން ޔުނިސްގެ މެދުގައި ހުރި އިސްރާއީލުގެ ޓޭންކެއް ހަލާކުވި ކަމަށް ވެސް ޤުދުސް ބްރިގޭޑުން ވަނީ ރިޕޯޓްކޮށްފައެވެ.
ފަަލަސްތީނުން އިސްރާއީލަށް ހަަމަލާ ދީފައި ވަނީ އިސްރާއީލުން ޣައްޒާއަށް ދާދި ފަހުން ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.



