ކަރަންޓު ނަރު ބުރިކޮށް ވައްކަން ކުރި މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ ފިރިހެނެކެވެ.
އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ އޭނާ ދަރުބާރުގޭގެ ގޯތިތެރޭގައި ހުންނަ ޓްރާންސްފޯމަރަކުން ކަރަންޓު ނަރު ބުރިކޮށް ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
މިގޮތުން އޭނާ ކަރަންޓު ނަރު ބުރިކުރަން ހުއްޓާ ފެނިގެން އާންމުންގެ އެހީތެރިކަމާއެކު ހުއްޓުވާފައި ވާއިރު ކުށުގެ ވެށިން ކަޓަރަކާއި ރެންޗެއް ފެނިފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
ނަމަވެސް އޭނާ ވަނީ އެކަމަށް އިންކާރުކޮށް އެތާނގައި ހުރީ ރައްޓެއްސަކު ބުނެގެން ކަމަށް ބުނެފައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.



