ކުދި ވިޔަފާރިތަކަކީ ޤައުމަށް މުހިންމު ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މިސަރުކާރުން ވަނީ ބަލައިގެންފައި ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އަށް 8 އަހަރު ފުރުމާއި ގުޅިގެން މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ބީސީސީއަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނިން ވިޔަފާރިތައް ފަށަންވީގޮތާއި ފަށައިގެން ކުރިއަށްދާންވީ ގޮތުގެ އިރުޝާދުތައް ދެއެވެ. މީގެއިތުރުން ކުދި ވިޔަފާރިތަކުގެ އުފެއްދުންތައް ވެސް އެ ކުންފުނިން އަންނަނީ ޕްރޮމޯޓް ކޮށްދެމުންނެވެ.
އެ ޕޯސްޓުގައި މިނިސްޓަރ ސައީދު ވިދާޅުވީ ބީސީސީ އުފެދިގެން އައި މަގުސަދު، 8 އަހަރު ތެރޭގައި ވަރަށް ރަނގަޅަށް ހާސިލުވަމުން އަންނަ ކަމަށެވެ.
ރާއްޖެއަކީ ގިނަ އަދަދެއްގެ ވިޔަފާރި އުފެދެމުން އަންނަ ޤައުމެއްކަމާއި ކުދި ވިޔަފާރިތަކުން ރާއްޖޭގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާކަން ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
”ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދޭ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައި ކުދި ވިޔަފާރިތަކަށް ވަރަށް މުހިންމު އިސްކަމެއް ވަނީ ދެއްވާފައި.“ މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
އެގޮތުން ކްރިއޭޓިވް އިކޮނޮމީއެއް އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިއީ ސަރުކާރަކުން ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމުގެ މަސައްކަތް ފެށި ފުރަތަމަ ފަހަރުކަމަށް ވެސް އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.




