ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ޓާމިނަލަކީ ސަލާމަތީ މިންގަނޑުތައް ފުރިހަމަ ތަނެއް ކަމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)ގެ ހެޑް، ޗީފް އިންސްޕެކްޓަރ – އެވްސެކް އަހުމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައު ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކަށް ހާއްސަކޮށްގެން އެމްއޭސީއެލް އިން ސިލްސިލާކޮށް ގެނެސްދެމުން އަންނަ ވީޑިއޯ ސެގްމަންޓުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އައު ޓާމިނަލުގައި ގާއިމުކޮށްފައިވާ ބެގޭޖް ހޭންޑްލިން ސިސްޓަމް (ބީއެޗްއެސް) އަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ވަރަށް ފުރިހަމަ ސެކިއުރިޓީ މިންގަނޑުތައް އެކުލެވިގެންވާ ސިސްޓަމެއް ކަމަށެވެ.
”އޭވިއޭޝަން ސެކިޔުރިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ހައިސިއްޔަތުން މިހާރު ހުޅުވާ ޓާމިނަލް ތެރޭގައި ގާއިމުކޮށްފައިވާ ސެކިއުރިޓީ މިންގަނޑުތަކަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ވަރަށް ފުރިހަމަ މިންގަނޑުތަކެއް، އެގޮތުން ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނަށް ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ސަލާމަތީ ގޮތުން ފުރިހަމަ ހިދުމަތްތެއް ފޯރުކޮށްދެވުމަކީ ދުނިޔޭގެ ކަންކޮޅު ތަކުން ރާއްޖެއަށް ފަތުރުވެރިން ދަތުރުކުރުމުގައި ހިތްހަމަޖެހުން ލިބިގެންދާނެކަމެއް ކަމަށް ގަބޫލުކުރަން،“ ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ނަޝީދު ވިދާޅުވީ، އައު ޓާމިނަލަކީ ވަރަށް ގިނަ ގޮތް ގޮތުން ރާއްޖެއަށް އުފާވެރިކަން ގެނެސްދޭނެ ތަނަކަށްވާނެ ކަމަށެވެ. އެގޮތުން އާ ޓާމިނަލް އާއެކު ރާއްޖެ އަންނަން ބޭނުންވާ ގިނަ އެއާލައިންތަކަށް ޖާގަ ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)ގެ ޒިންމާއަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އޭވިއޭޝަން ސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ މުއާހާދާތަކުގައި ބަޔާންކޮށްފައިވާ ކަންތައްތައް ރެގިއުލޭޓް ކުރުމަށާއި ސިވިލް އޭވިއޭޝަން ސެކިއުރިޓީއަށް ބުރޫއަރާފާނެ ކަންކަމުން ވައިގެ ދަތުރުފަތުރުގެ ނިޒާމު ހިމާޔަތްކުރާނެ އުސޫލު ކަނޑައެޅުމެވެ.
އޭގެ އިތުރުން އެއާޕޯޓުތަކުގެ ސެކިއުރިޓީ ސަރަހައްދުތައް ކަނޑައެޅުމާއި ސިވިލް އޭވިއޭޝަން ސެކިއުރިޓީއާ ގުޅުންހުރި އެންމެހާ ކަންތައްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ދިވެހި ދައުލަތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީވެސް ޑާސާގެ ޒިންމާއެކެވެ.
ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާއި ގުޅުންހުރި އެންމެހާ ކަންކަމުގައި ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުގައި ދިވެހި ދައުލަތް ތަމުސީލު ކުރަމުންދަނީ ވެސް ޑާސާ އެވެ.




