މިދިޔަ ހަފްތާގައި މަސްވެރިންނަށް 14.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން ބުނި ގޮތުގައި މިއީ 271 ދޯންޏަކުން ކިރުވާފައިވާ މަހަށް ދޫކޮށްފައިވާ ފައިސާއެވެ.
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ދައްކާ ގޮތުގައި، މިދިޔަ ހަފްތާގައި އެ ކުންފުންޏަށް 271 ދޯންޏަކުން މަސް ކިރުވާފައިވާއިރު މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 14.3 އިންސައްތަ އިތުރު އަދަދެކެވެ. އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސް ކިރުވާފައިވަނީ 237 ދޯންޏަކުންނެވެ.
މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް މުޅި ޖުމްލަ 14،251،615 ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކުރި 14،164،625 ރުފިޔާއާއި އަޅާބަލާއިރު 0.6 އިންސައްތަ އިތުރު އަދަދެއްކަން ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
މަސްވެރިންނަށް މިދިޔަ ހަފްތާގައި އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ އަންގާރަ ދުވަހުގައެވެ. އެދުވަހު މިފްކޯއަށް 54 ދޯންޏަކުން މަސްކިރުވާފައިވާއިރު، މަސްވެރިނަށް މުޅި ޖުމްލަ 3،568،638 ރުފިޔާ ވަނީ ދޫކޮށްފައެވެ.



