މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް މިދިޔަ އަހަރު 217 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 103 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މިއީ 90 އިންސައްތައިގެ ކުރިއެރުމެކެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ތިން އަހަރުގެ ތެރޭގައި މިއީ އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއްވީ އަހަރެވެ.
އެނގިފައިވާ ގޮތުގައި އެމްޑަބްލިޔުއެސްސީގެ ފައިދާ އެހާ ބޮޑަށް އިތުރުވީ، ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށްގެންނެވެ.
އެގޮތުން އާމްދަނީ އިތުރު ކުރުމަށް ސީދާ ގޮތުން ކުރާ ހަރަދުތައް ވަނީ އެއް ބިލިއަން ރުފިޔާ އިން 935 މިލިއަން ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި ހިންގުމުގެ އެހެން ބައެއް ހަރަދުތައް ވެސް ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައެވެ.
މީގެއިތުރުން ދަރަނި އަދާކުރުމަށް އެމްޑަބްލިއުއެސްސީން 62 މިލިއަން ރުފިޔާ މިދިޔަ އަހަރު ހޭދަކޮށްފައިވެއެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ވެސް 15 އިންސައްތަ އިތުރު އަދަދެކެވެ.




