މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ މަހު 5،940 ކޮންޓެއިނަރު ކްލިއަރ ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫން މަހު 5،940 ކޮންޓެއިނަރުގެ މުދާ ވަނީ ކްލިއަރ ކޮށްފައެވެ. އޭގެތެރޭގައި 20 ފޫޓުގެ 2334 ކޮންޓެއިނަރާއި 40 ފޫޓުގެ 1798 ކޮންޓެއިނަރު ހިމެނެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން އެމްޕީއެލް ބަނދަރަށް މިދިޔަަމަހު ވަނީ 17 ކޮންވެންޝަނަލް ބޯޓާއި 15 ކޮންޓެއިނަރު ބޯޓު ބަނދަރުކޮށްފައި ވެސް ވެއެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި މާލެ ވިޔަފާރި ބަނދަރަށް ކްލިއަރކުރި ކާބޯތަކެތީގެ ބާވަތްތަކަށް ބަލާއިރު އެންމެ ގިނައިން ކްލިއަރ ކޮށްފައިވާ މުދަލުގެ ތެރޭގައި ބިސް، ފިޔާ، ކަރާ، އަލުވި، ޓޮމާޓޯ، ކެބެޖް، އަލަނާސި، ދޮންކެޔޮ، ބަރަބޯ ހިމެނޭ ކަމަށެވެ.
މި ބާވަތްތަކުގެ ތަފާސްހިސާބަށް ބަލާއިރު 53 ޓަނުގެ ބިސް، 35 ޓަނުގެ ފިޔާ، 30 ޓަނުގެ ކަރާ، 20 ޓަނުގެ އަލުވި އަދި 14 ޓަނުގެ ޓޮމާޓޯ ހިމެނެއެވެ. މީގެ އިތުރުން 11 ޓަނުގެ ކެބެޖް، 9 ޓަނުގެ އަލަނާސި، 9 ޓަނުގެ ދޮންކެޔޮ، 3 ޓަނުގެ ބަރަބޯ އަދި 4 ޓަނުގެ އެހެނިހެން ކާބޯތަކެތި ހިމެނޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ކްލިއަރކުރާ ކޮންޓެއިނަރުގެ އަދަދު އިތުރުވަމުންދާއިރު އެމްޕީއެލްއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް އަަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް ކުރަމުންނެއެވެ.



