ގެއަކުން ވަގަށްނަގާފައިވާ ފަސްދޮޅަސްހާހަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މާލޭގެ މައްޗަންގޯޅި ގެއަކުން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، ބައެއް ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ހުށަހަޅާފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން، އޭގެ ތެރެއިން ބައެއް ތަކެތި ހޯދާފައި ވަނީ ޖޫން 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ކަމަށެވެ.
”އެ ގެއިން ވަގަށް ނެގި ތަކެތީގެ ތެރެއިން ފުލުހުންގެ މަސައްކަތުން މިހާތަނަށް ހޯދިފައިވާ ތަކެތީގެ ތެރޭގައި، އައިފޯނު، ލެޕްޓޮޕް، އެކި ބްރޭންޑުތަކުގެ އަވިއައިނު، ޕްރިންޓަރު، އެކި ބްރޭންޑުތަކުގެ ހާޑު އަދި ސްޕީކަރުގެ އިތުރުން އަތުކުރީ ގަޑިއާއި އެހެނިހެން ތަކެތި ހިމެނޭ“ ފުލުހުން ބުނެފައި ވެއެވެ.
މި ތަކެތީގެ އަގު 60،000 ރުފިޔާއަށް ވުރެ ބޮޑު ވާނެ ކަމަށް ވެރިފަރާތާއި ހަވާލާދީ ފުލުހުން ހާމަކުރެއެވެ.
ފުލުުހުން ބުނީ އެ ގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ޖުމުލަ އަގު 72،000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ވެރިފަރާތުން ބުނެފައިވާ ކަމަށެވެ.
މި މައްސަލާގައި، މިހާތަނަށް ހޯދިފައިނުވާ ތަކެތި ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.




