މިއަދު ހެނދުނު ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 9 ހާއިރު ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓުވި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ސައިކަލުގައި ދިޔަ ދެ މީހުންނަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އެމީހުންގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މި އެކްސިޑެންޓާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ސައިކަލުގައި ތިބީ ދެ އަންހެނުންނެވެ.
ފަހަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު މިވަނީ އިތުރުވެފައެވެ.


