އިނގިރޭސި ވިލާތުގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާކުރި 20 މީހަކު ހައްޔަރުކޮށްފިއެވެ.
ލަންޑަންގެ މެޓްރޮޕޮލިޓަން ފުލުހުންނާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްތީނު އެކްޝަން ޖަމާއަތަށް ތާއީދުކޮށް ބޭއްވި މުޒާހަރާއެއްގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން 20 އަށް ވުރެ ގިނަ މީހުން ހޮނިހިރު ދުވަހު ވަނީ ހައްޔަރުކޮށްފައެވެ.
ފަލަސްތީނަށް ތާއީދުކޮށް އެ މީހުން މުޒާހަރާކޮށްފައި ވަނީ ލަންޑަނުގައި ހުންނަ މަހާތުމާ ގާންދީގެ ބުދެއްގެ ދަށުގައެވެ.
މި މުޒާހަރާ އަކީ ޓެރަރިޒަމާ ދެކޮޅަށް އިނގިރޭސި ވިލާތުގެ ގާނޫނުގެ ދަށުން ފަލަސްތީނު އެކްޝަން ޖަމާއަތް މަނާކުރިތާ ކުޑަ އިރުކޮޅެއް ފަހުން ބޭއްވި މުޒާހަރާއެކެވެ.
އިނގިރޭސިވިލާތުން ވަނީ ޓެރަރިޒަމާ ދެކޮޅަށް ހަދާފައިވާ ގާނޫނުގެ ދަށުން ހަމާސް، އަލްގައިދާ އަދި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތް ހިމެނޭ ގޮތަށް 81 ޖަމާއަތެއް މަނާކޮށްފަ އެވެ.
އެ ޤައުމުގެ ގާނޫނު ބުނާ ގޮތުން ކުށްތަކުގެ ތެރޭގައި ތާއީދު ހޯދުމާއި ރުހުން ދެއްކުން ނުވަތަ މަނާ ޖަމާއަތެއްގެ ނިޝާންތައް ދެއްކުން ފަދަ ކުށްތައް ހިމެނޭ އިރު، އޭގެ ސަބަބުން 14 އަހަރަށް ޖަލަށްލައި ޖޫރިމަނާ ކުރެވޭނެ އެވެ.



