މިނިވަން 60 ގެ ލޯގޯ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ވިދާޅުވީ މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ބޭނުންކުރާނެ ލޯގޯއެއް ކަނޑައަޅުއްވައި، އެ ލޯގޯ މި އަހަރުގެ ޖުލައި 26 ން ފެށިގެން 2026 ޖުލައި 25ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ރައީސް މުޢިއްޒު ހަމަޖައްސަވައިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ހަމަޖެއްސެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2025/12 ދެންނެވުމުންނެވެ.
އެހެންކަމުން ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި މި ލޯގޯ ޖެހުމަށް އެކަމާބެހޭ މައުލޫމާތު މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން ސަރުކާރު އޮފީސްތަކަށް ދޭނެއެވެ.




