އައިފިލްމްސް އިން އަލަށް އުފައްދާ ދިވެހި ފިލްމު ”ލޯބިން…؟“ގެ ޓްރެއިލަރ މިއަދު ރިލީޒް ކޮށްފިއެވެ.
މިއަހަރުގެ އޮގަސްޓު މަހުގެ 6 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ”ލޯބިން…؟“ އަކީ މަޝްހޫރު ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) އުފައްދާ ފުރަތަމަ ލޯބީގެ ފިލްމެވެ. އެގޮތުން މި ފިލްމު ހަދާފައިވަނީ، ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްކަން އެނގިފައިވެއެވެ.
ފިލްމުގެ ލީޑް އެކްޓަރުންގެ ގޮތުގައި ފެނިގެންދަނީ ފާތިމަތު މައިޝާ އާދަމް (ތާތި)، އިފްނާޒް ފިރާގް، އަހްމަދު ޝާރިފް އަދި ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. އިތުރު ކާސްޓުންގެ ގޮތުގައި މުހައްމަދު ޔާމިން އަލީ (ޔާމްބެ)، އަހްމަދު ޝާކިރު (ޝާއްކޮ އަންމަޑޭ)، އައިމިނަތު ރަޝީދާ އަދި އައިޝަތު ގުލްފާ ހިމެނެއެވެ.
މި ފިލްމުގެ ފަސްޓް ލުކް މިދިޔަ މަހު ނެރެފައިވާއިރު، ގިނަ ބައެއްގެ ހޫނު ތަރުހީބެއް ވަނީ ލިބެން ފަށާފައެވެ. އެއާއެކު ފިލްމުގެ އޮފިޝަލް ޕޯސްޓަރު ވެސް ރިލީޒްކޮށް، ފުރަތަމަ 3 ޝޯގެ ޓިކެޓު ވެސް ވަނީ ވިއްކަން ފަށާފައެވެ.

”ލޯބިން…؟“ ގެ ޓްރެއިލަރ މިއަދު ރިލީޒް ކޮށްފައިވާއިރު، އޭގެން ފެންނަނީ ލީޑް އެކްޓްރެސް ތާތި ވަރަށް ލޯބިން އުޅޭ މަންޒަރުތަކެކެވެ. އިފްނާޒް އަދި ޝާރިފް އާއެކު ވެސް ތާތިގެ އެފަދަ މަންޒަރުތަކެއް ފެނެއެވެ. ނަމަވެސް އޭގެ ފަހުން ފެންނަނީ ތާތިއަށް ލިބެންފަށާ އަނިޔާތަކެކެވެ. އޭނާގެ ޖިސްމުގެ ބޭނުން ބަޔަކު ނާޖާއިޒް ގޮތުގައި ހިފާކަން ޓްރެއިލަރުން އެނގެއެވެ. އަދި ހަމައެހެންމެ، ހިތްދަތިވެގެން އޭނާ ރޯ މަންޒަރުތަކެއް ވެސް ދައްކާފައި ހުއްޓެވެ.
މި ފިލްމަކީ އެންމެ އަނދިރި ޖާގަތަކުގައި ތަޖުރިބާކުރާ ލޯބީގެ ކަންތައްތަކެއް ފެނިގެންދާނެ ލޯބީގެ ދިލްކަޝް ޑްރާމާއެކެވެ.
”މަޖުބޫރީ ހާލަތްތަކެއްގެ ސަބަބުން ހަށިވިއްކުމަށް މަޖުބޫރުވެފައިވާ ޒުވާން އަންހެނެއްގެ އަގު ޙަޤީޤަތުގައި ވަޒަންކުރާ ފިރިހެނަކާ ބައްދަލުވުމުން ހީވެސް ނުކުރާ ލޯތްބެއް، އެ ދެމީހުންގެ ދެމެދުގައި ފޮޅެން ފަށައެވެ. ނަމަވެސް ފައިސަލާ (ޙުކުމް)، ސިއްރުތަކާއި އަދި ދިރިތިބުމަށް ކުރާ މަސައްކަތުގެ ނަތީޖާއިން އެ ލޯބި ކާމިޔާބުކުރެވިދާނެ ހެއްޔެވެ؟“ ފިލްމާ ބެހޭގޮތުން އައިފިލްމްސް އިން ނެރެފައިވާ ކުރު ސިނޮޕްސިސްގައި ބުނެފައިވެއެވެ.
”ލޯބިން…؟“ ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 6 ވަނަ ދުވަހު އޮލިމްޕަހުގައެވެ.


