މާލެ ސިޓީގެ އިމާރާތްތަކުން މަގުތަކަށް ފެން ފައިބާ މައްސަލަ މި އަހަރު ނިމުމުގެ ކުރިންް ހައްލުކުރުމަށް، ޚާއްޞަ މަސައްކަތްތަކެއް ފަށައިފައިވާ ކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް ވިދާޅުވީ، މާލެ ސިޓީގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން، މާލޭގެ ބައެއް ޢިމާރާތްތަކުން މަގުތަކަށް ފެންފައިބާ މަސައްލަ ހައްލުކުރުމަށް، ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ބުރުޒު މަގުގެ ބައެއް ޢިމާރާތްތަކުން މަގަށް ފެންފައިބާ މައްސަލަ މިހާރު އެއްކޮށް ނިންމާލެވިފައި ކަމަށް މޭޔަރު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ހިންގުމާ ހަވާލުވެ ހުންނެވި މީކާއީލް މުހައްމަދު ރިޔާޟް ވިދާޅުވީ، ބުރުޒު މަގަށް ފެންފައިބާ 40 ޢިމާރާތަކަށް ސިޓީ ކައުންސިލުން ގޮސް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
”އޭގެ ތެރެއިން، 22 ޢިމާރާތަކުން މަގަށް ފެންފައިބަމުންދިޔަކަން ފާހަގަކުރެވުނު، އެ މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައި، ބުރުޒު މަގުން ހައްލު ނުކުރެވިވާ 28 ގެއެއްގެ މައްސަލައަށް ހައްލު ކޮށްދިނުމަށް އެދި، އެ އިމާރާތްތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް މިހާރު ވާނީ ސިޓީ ފޮނުވާފައި“ މީކާއީލް ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން މަސައްކަތްކުރަމުން އަންނަނީ މި އަހަރުގެ ނިޔަލަށް، މާލެ ސިޓީގެ މަގުތަކަށް ފެން ފައިބަމުން އަންނަ ހުރިހައި ޢިމާރާތްތަކަށް ގޮސް، އެ ތަންތަނުގެ ވެރިން ނުވަތަ އެ ތަންތަން ބޭނުންކުރާ ފަރާތްތަކާ ވާހަކަދައްކައިގެން އެ މައްސަލަ ހައްލު ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެހެންމެ މި މަސައްކަތް ކުރުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށާއި މި މައްސަލަ އަވަހަށް ނިމުން ބިނާވާނީ ވެސް ރައްޔިތުން ދެއްވާ އެއްބާރުލުމަށް ކަމަށް ކަމަށް މީކާއީލް ވިދާޅުވި އެވެ.



