ރާއްޖޭގެ ކުޅަދާނަ ލިޔުންތެރިޔާ މުޙައްމަދު ވަހީދު (މަޑުލު ވަހީދު) ފަދަ ދެވަނަ ޝަހުސިއްޔަތެއް މުޅި ހަޔާތުގައި ވެސް ނުދެކޭ ކަމުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ރޭގައި ވިދާޅުވެއްޖެއެވެ.
މަޑުލު ވަހީދަކީ ދިވެހި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގެ މުޝީރު ވެސް މެއެވެ.
ވާހަކަ ލިޔުމުގެ ރޮނގުން ވެސް ގިނަ ދިވެހީންގެ މަގުބޫލުކަން ހޯދާފައިވާ މަޑުލު ވަހީދު މިއަހަރުގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުގައެވެ. އަވަހާރަވީއިރު އުމުރުފުޅުން 77 އަހަރެވެ.
މަޑުލު ވަހީދުގެ ހަނދާނުގައި ރޭގައި ބޭއްވި ތައުބީނުގެ ޖަލްސާގައި އަޝްރަފް ވިދާޅުވީ، މުޅި ހަޔާތުގައި ވެސް މަޑުލު ވަހީދު ފަދަ ދެވަނަ ޝަޚްސިއްޔަތެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެކެޑަމީއާ ހަވާލުވެވަޑައިގެންނެވި ފަހުން، ކަންކަމުގައި އެންމެ މަގު ދައްކަވައިދެއްވި ބޭފުޅަކީ އެއީ ކަމަށް ވިދާޅުވިއެވެ. އޭނާ ދެއްވި ނަސޭހަތްތައް އަޝްރަފް ސިފަކުރެއްވީ، ބައްޕައަކު ދެއްވާ ފަދަ ނަސޭހަތެއް، ނުވަތަ އެހީތެރިއެއްގެ ގޮތުގައެވެ.
”އެއީ ވަރަށް ތަފާތު ވަހީދެއް. އެއީ ހަމަ ވަރަށް ތަފާތު ވަހީދެއް. އިނގޭތޯ، އަޅުގަނޑު ހަޔާތުގައި ނުދެކެން އެ ކަހަލަ ދެވަނަ ޝަކްސިއްޔަތެއް. ހެނދުނު އައިސް އޮފީހަށް ވަނުމާއެކު ދުވަހުގެ ބާއްޖަވެރި ކަމުގެ ސަލާމް ވިދާޅުވާ އަޑެއް ދެނެއް ނީވޭނެ. ކަންބޮޑުވާ ކޮންމެ ވަގުތެއްގައި ހިތްވަރު ދެއްވުމަށް ވަޑައިގެން، އަޅުގަނޑު ގާތުގައި ދެން ވަހީދެއް ނުހުންނަވާނެ. ހެނދުނުގެ ސަޔަށް އިންސާފު ކުރުމަށް ދެން ވަޑައެއް ނުގަންނަވާނެ. އަޅުގަނޑުގެ ހަޔާތަށް ބިންދަމުންދިޔަ ނުރައްކާތެރި ކޮންމެ ރާޅަކުން ސަލާމަތްވުމަށް މަގު ދައްކަވައިދެއްވާކަށް ވެސް ވަހީދެއް ނުހުންނަވާނެ“ އަޝްރަފް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރ އާދަމް ނަސީރު އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެގޮތުން އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާދަމް ނަސީރު ވިދާޅުވީ މަޑުލު ވަހީދުގެ ވަކިވުމަކީ ދިވެހި އަދަބިއްޔާތަށް ގެނުވި ފޫނުބެއްދޭވަރުގެ ހުސްކަމެއް ކަމަށެވެ.
މި ޖަލްސާގައި އެކިއެކި ބޭބޭފުޅުންވަނީ ވަހީދުގެ މިޒާޖާއި އަޚުލާގާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި، ފުން އަސަރާއެކު އެ ހަނދާންތައް އައު ކުރައްވައިފައެވެ. އޭގެ ތެރޭގައި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް އައްބާސް އިބްރާހީމާއި، ދިވެހި ބަހުގެ އެކެޑަމީގެ ނައިބު ރައީސް، ޒުލްފާ އިބްރާހީމާއި، އަބްދުﷲ ރަމީޒު ވެސް ހިމެނެއެވެ.



