ރައީސުލްޖުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާތަނަށް ހުށަހަޅުއްވާފައިވާ ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިޔުމުގެ ކުރިން، އެކަމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
”ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު“ ގެ ނަމުގައި މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް އެވެ.
މި ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރު އަދި ޒިންމާތައް ގާނޫނުގައި ކަނޑައެޅުމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގައި އަމަލު ކުރާނެ އުސޫލުތަކާއި އެ ނޫން ވެސް ވޯޓު ނެގުމާ ގުޅޭ އެންމެހާ ކަންކަން ބަޔާން ކުރުން ކަމުގައެވެ.
މެންބަރު ފަލާހް ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން، މިފަދަ އާންމު ވޯޓުތައް މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް ނެގިދާނެ އެވެ. އެއީ:
1- ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތައް – މިއީ މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި ރައްޔިތުންގެ ދެކޭ ގޮތް ބެލުމަށް ނަގާ ވޯޓެއް
2- ގައުމީ މުހިންމު މައްސަލަތައް – މިއީ ރައީސް ބޭނުންވެވަޑައިގަންނަވާ ހިނދެއްގައި ގައުމީ މުހިންމު މައްސަލައެއް ނިންމުމަށްޓަކައި ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ ވޯޓެއް
3- ގާނޫނުއަސާސީގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބާޔަންކޮށްފައިވާ އެންމެހާ ހާލަތްތައް – އޭގެ ތެރޭގައި މަޖިލީހުގެ އުމުރު، ރައީސް އިންތިހާބު ކުރާ ގޮތް އަދި ގާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާ ގުޅޭ މާއްދާއަކަށް އިސްލާހު ގެނައުން ހިމެނޭ
4- މަޖިލީހުން ފާސް ކުރާ ގާނޫނުއަސާސީގެ އިސްލާހެއް ތަސްދީގުނުކުރާ ހާލަތުގައި އެކަމަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުން
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި މަޖިލީހުން ބޭނުންވެގެން ނުވަތަ ލާޒިމްވާ ހާލަތްތަކުގައި ނަގާ ވޯޓުތައް ނަގާނީ މަޖިލީހުގެ އަގުލަބިއްޔަތުން ފާސް ކުރާ ގަރާރަކުންނެވެ. އަދި ރައީސް ބޭނުންވެވަޑައިގަންނަވާ ވޯޓެއް ނެގުމަށްޓަކައި އެ މަނިކުފާނުގެ ހާއްސަ ގަރާރަކުން އެކަން ނިންމިދާނެއެވެ.




