ގދ. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރި މައްސަލަ ސިވިލް ކޯޓަށް އިއްޔެ ހުށަހަޅައިފިއެވެ.
ސައުދު އާއި ނަސްރުﷲ ސަސްޕެންޑު ކޮށްފައިވަނީ ތިނަދޫ ސިޓީ ކައުންސިލާ ބެހޭގޮތުން ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން، ހެދި އިންކުއަރީއަށްފަހު، މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ.
އެގޮތުން ސައުދު ތިން މަސް ދުވަހަށް އަދި ނަސްރުﷲ 1 މަހަށް ސަސްޕެންޑު ކުރުމަށް އެލްޖީއޭ އިން ވަނީ ނިންމާފައެވެ.
މިކަން ނިންމުމަށް އެލްޖީއޭއިން އެދުވަހު ބޭއްވި ބައްދަލުވުމެއްގައި މޭޔަރު ސައުދުއަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ބުނެފައިވަނީ، އޭނާއާ ހަވާލު ކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާ ނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލެވެފައިވާ ކަމާއި، ކައުންސިލުގެ ބާރުތަކާއި ބޭނުން ނަހަމަ ގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުން އަމަލުތައް ބަހައްޓާފައިވާކަން އެނގެން އޮތުމާއި އަދި އޭގެ ތެރެއިން ބައެއް އަމަލުތައް ތަކުރާރު ކޮށްފައިވާކަން އިންކުއަރީން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މިކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެ ކަމަށް ފެންނާތީ، މި މައްސަލަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ޤަވާއިދުތަކުގެ މައްޗަށް ކައުންސިލު ހިނގާކަން ބަލައި ކަށަވަރުކުރުގެ އެންމެ އިސް މަސްއޫލިއްޔަތު މަތިކޮށްފައިވާ ފަރާތަކީ ކައުންސިލުގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ކަމަށްވާތީ، އެ ބޭފުޅުން ޤާނޫނާއި ޤަވާއިދާ ހިލާފުވެފައިވާކަން އިންކުއަރީއަށް ފާހަގަ ކުރެވިފައިވާތީ، ޤަވާއިދުގެ މަތިން އެ ދެ ބޭފުޅުން ސަސްޕެންޑުކުރަން ނިންމެވީ ކަމަށް އެލްޖީއޭ އިން ބުންޏެވެ.
އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތިނަދޫ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރަށް މި ފިޔަވަޅު އެޅީ، ސަރުކާރުގެ ބޭފުޅުން ގިނަ އެލްޖީއޭން ސިޔާސީ މަގުސަދެއް އޮވެގެން ކަމަށް އޭނާ ތުހުމަތު ކުރައްވާފައިވެއެވެ.
”ވަރަށް ގިނަ ދުވަސް ވެއްޖެ އަޅުގަނޑުމެންނަށް ފިޔަވަޅެއް ނޭޅިގެން އުޅޭތާ، ހާއްސަކޮށް އަޅުގަނޑާއި ޑެޕިއުޓީ މޭޔަރާއި އަދި ކައުންސިލަރުންނާ މެދު ވެސް ވަރަށް ޒާތީ ހަސަދައެއް ބާއްވައިގެން ސިޔާސީ ސަކަރާތްގަނޑެއް މި ހިންގަނީ،“ ސައުދު ވިދާޅުވިއެވެ.
އެލްޖީއޭއިން ހެދި އިންކުއަރީގައި ސައުދު އާއި ނަސްރުﷲ ސަސްޕެންޑު ކުރުމުގެ އިތުރުން، އެ ކައުންސިލުގެ އެހެން މެންބަރުންތަކަކަށް ވެސް ވަނީ ފިޔަވަޅު އަޅާފައެވެ.
އެގޮތުން ހަތަރު މެންބަރަކަށް ނަސޭހަތްތެރިވެ މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ ދެއްކުމަށް އެލްޖީއޭ އިން ވަނީ އަންގާފައެވެ.
އެ މެންބަރުންނަކީ:
° ކައުންސިލު މެންބަރު އަހްމަދު ވަހީދު
° ކައުންސިލު މެންބަރު އައިމިނަތު ނަސީމާ
° ކައުންސިލު މެންބަރު އަހްމީމާ އަހްމަދު
° މެންބަރު ޒަލީފް އަބްދުﷲ



