ޝަރުއީ ދާއިރާ ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި ޑިސިޕްލިނަރީ މައްސަލަތަކަށް ވަކި ކޮމިޓީއަކާ އެކު ވަކި ފަންތިއެއްގެ ފަނޑިޔާރުން ވަކިކުރަން ހާއްސަ ކޯޓެއް ހެދުމުގެ ހިޔާލެއް ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. މުހައްމަދު ޝަމްހީދު މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފިއެވެ.
މެންބަރު ޝަމްހީދު މި ހުށަހެޅުން ހުށަހެޅުއްވީ، މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.
އެގޮތުން މެންބަރު ޝަމްހީދު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައި އޮތް ބިލުން ނުކުންނާނެ ނަތީޖާއަކަށްވާނީ ޝަރުއީ ދާއިރާ މިނިވަން ނުވެ، އިތުރަށް އަޅުވެތިވުމެވެ. އޭގެ ބަދަލުގައި ޝަރުއީ ދާއިރާ މިނިވަން ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީ ނުފޫޒުން ސަލާމަތް ކުރުމަށްޓަކައި އުވާލަންވީ؛ އެއަށް ފަހު ގާނޫނީ އަދި ޕްރޮފެޝަލް ބޭފުޅުންނާ އެކު އަލުން ކޮމިޝަން އެކުލަވާލަން ފެންނަ ކަމުގައި ޝަމްހީދު ވިދާޅުވިއެވެ.
މީގެއިތުރުން ފަނޑިޔާރުން އައްޔަން ކުރުމާއި ސުލޫކީ މައްސަލަ ބެލުމަކީ ދެ އިދާރާއަކުން ކުރާ ކަމަކަށް ހެދުމަށާއި އެގޮތުން ސުލޫކީ މައްސަލަތައް ބެެލުމަށް އޮންނަވީ ވަކި ހާއްސަ ”ޑިސިޕްލިނަރީ ކޮމިޓީއެއް“ ކަމުގައި ހުޅުމާލެ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
”އަދި ވަކި ފަންތީގެ ފަނޑިޔާރުން ވަކިކުރުމަށްޓަކައި ހާއްސަ ކޯޓެއް ހެދިދާނެ،“ މެންބަރު ޝަމްހީދު ވިދާޅުވިއެވެ.



