ހުޅުމާލޭގައި ހަދަމުން އަންނަ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް މި މަހުގެ 26 ވަނަ ދުވަހު (މިނިވަން ދުވަހު) ހުޅުވަން ތައްޔާރުވާން ފަށައިފިއެވެ.
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު އިމާރާތް ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
މި ދެ ކޯޓުގެ އިމާރާތްވެސް ހަދާފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ކުރިން ހިންގި ކޮވިޑް ހޮސްޕިޓަލުގެ އިމާރާތުގައެވެ. އެއީ ހަަތަރު ފުލޯގެ އިމާރާތެކެވެ. އެތަން އަލުން މަރާމާތުކޮށް ހުރިހާ މަސައްކަތެއް ކުރީ އެޗްޑީސީންނެވެ.
މި އިމާރާތް ހުޅުވުމާއެކު، މާލޭގައި ހިންގާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް ބަންދުކުރަން ވަނީ ނިންމައިފައެވެ.
ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ހުޅުމާލޭގައި އާ އިމާރާތެއް އަޅަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.



