ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލު މަގާމުން ރިޓަޔަރ ކުރައްވަން ނިންމަވައި އެކަން ކުންފުނީގެ މުވައްޒަފުންނަށް އަންގަވައިފިއެވެ.
އެޗްޑީސީ އުފެއްދިއިރުވެސް އެ ކުންފުނި ހިންގުމިގައި އިސްކޮށް އުޅުއްވި މައުރޫފް، އެމްޑީ ކަމާއި އަލުން ހަވާލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގައެވެ.
ނަމަވެސް އެ މަގާމުން ރިޓަޔަރ ކުރަން ނިންމަވާފައިވާކަން މައުރޫފް ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު އަންގަވާފައެވެ.
މައުރޫފް އެޗްޑީސީން ވަކިވެ ވަޑައިގަންނަވަނީ ލުއިކޮށް މަސައްކަތް ކުރެއްވޭނެ، އެހެން މަގާމަކަށް ބަދަލުވެވަޑައިގަތުމަށް ކަމަށް ވެސް އެނގިފައިވެއެވެ.
މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އެޗްޑީސީ އުފެއްދުމުގެ ކުރިން، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ވެސް މައުރޫފް އަދާކުރައްވާފައިވެއެވެ.
މައުރޫފް އަދާ ކުރެއްވި އިތުރު މަގާމުތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރުކަމާއި، އެޗްޑީސީ އާއި އެޗްޑީއެފްސީގެ މުހިއްމު މަގާމުތަކެއްގެ އިތުރުން އާކިޓެކްޗާ ހެރިޓޭޖުގެ ދާއިރާ އިން ގިނަ މަސައްކަތްތަކެއް ކުރެއްވުން ހިމެނެއެވެ.



