ނަފުސާނީ ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްޕްލައިނަށް ގުޅައި، 8،000 އަށްވުރެ ގިނަ މީހުން ނަފްސާނީ އެހީ ހޯދައިފިއެވެ.
ހަފުތާ 14ގެ ވައުދުފުޅުގެ ދަށުން ނަފުސާނީ އެހީ ފޯރުކޮށްދޭން ހެލްޕްލައިންގެ ޚިދުމަތް ފެށީ ފެބްރުއަރީ 21، 2024ގައެވެ. ހެލްޕްލައިންގެ ގޮތުގައި ގުޅާ ނަންބަރަކީ 1677 އެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ބުނެފައިވަނީ، މިހާތަނަށް 8،396 އަށްވުރެ ގިނަ މީހުންނަށް އެ ހެލްޕްލައިނުން ނަފުސާނީ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން، މިދިޔަ އަހަރު އެ ޚިދުމަތް 2،576 މީހުންނަށް ދީފައިވާ ކަމަށާއި ނަމަވެސް މި އަހަރުގެ މިހާތަނަށް އައިއިރު، އެ އަދަދު 5،820 އިތުރުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ހެލްޕްލައިންގެ މައިގަނޑު އެއް މަގުސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައާއި ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް ނަފްސާނީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމެވެ.



