ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭގައި ސްކޭމްގެ 50 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.
މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހުން ފެށިގެން މިމަހުގެ 5 ވަނަ ދުވަހާ ހަމައަށް އެންޓި ސްކޭމް ސެންޓަރަަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތައް އެ ސެންޓަރުން މިއަދު ވަނީ އާންމުކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގެ ތެރޭގައި ސްކޭމް ކޮށްގެން މުޅިއަކު 416،879.42 ރުފިޔާ ގެއްލުނު ކަމަށާއި މީގެ ތެރެއިން 114،276.42 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. އެއީ ސްކޭމްގެ މަޅީގައި ޖެހިގެން ގެއްލުނު ފައިސާގެ 27 އިންސަތަ އެވެ.
ސްކޭމްގެ ބާވައްތަކުގެ ތެރޭގައި އީކޮމާސްގެ 29 މައްސަލަ، ކަރަންސީ އެކްސްޗޭންޗްގެ 09 މައްސަލަ، އިންޕަރސަނޭޝަންގެ 03 މައްސަލަ، ފިޝިންގ/ ވިޝިން އަދި ޖޮބް ސްކޭމްގެ 06 މައްސަލަ، އަދި އެހެނިހެން މައްސަލައިގެ ގޮތުގައި 03 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެގޮތުން ސްކޭމް ކުރުމަށް ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި ފޯންކޯލް އާއި އައި ބޭ، އޮންލައިން މެސެޖިން ޕްލެޓްފޯމްތައް އަދި ފިޝިންގ ލިންކްގެ އިތުރުން ފޭސްބުން މާކެޓްޕްލޭސް ހިމެނެ އެވެ.
ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ހާއްސަ ކޯލް ސެންޓަރެއްވެސް ފުލުހުން ވަނީ ގާއިމްކޮށްފައެވެ.
ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ހާއްސަ ކޯލް ސެންޓަރެއްވެސް ފުލުހުން ވަނީ ގާއިމްކޮށްފަ އެވެ.
ނޭޝަނަލް އިމަޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ހިދުމަތުން ވިދާޅުވެފައިވެއެވެ.




