2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަލިނަރީ އެވޯޑްސްގައި ތިން ދާއިރާއަކުން ދިވެހިރާއްޖެ ނޮމިނޭޓްވެއްޖެއެވެ.
ޓުއަރިޒަމް މިނިސްޓްރީން މިއަދު ބުނީ މިއީ ދިވެހިރާއްޖޭގެ ކެއިންބުއިމުގެ ސަގާފަތާއި، ތާރީޚަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އަދި މިއީ މުޅި ދުނިޔެއަށް ދިވެހި ކެއިންބުއިމުގެ މޮޅުކަން ދައްކުވައިދޭނެ ރަނގަޅު ފުރުސަތެއް ކަމަށާއި މި އެވޯޑްސްގައި ރާއްޖެ ނޮމިނޭޓްކުރެވިފައި ވަނީ ތިން ދާއިރާއަކުން ކަމަށްވާއިރު، މިއީ މި ދާއިރާއިން ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
”މި ކާމިޔާބީއާ އެކު، ދިވެހި ކެއިންބުއިމުގެ ދުނިޔޭގެ މަޝްރަހުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެކަމަށް ބެލެވޭ“ ޓުއަރިޒަމް މިނިސްޓްރީން ބުނެފައި ވެއެވެ.
ރާއްޖޭގެ ކެއިންބުއިމަށް ލިބުނު މި ބޮޑު ޝަރަފަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމެކެވެ.
މިގޮތުން މިއީ އިތުރަށް ރާއްޖެ އިސްތިހާރުވެގެންދާނެ ފުރުސަތެއް ކަމަށް ބެލެވެއެވެ.




