ރާއްޖޭގެ މާލީ ސިޔާސަތާ ބެހޭ މަޢުލޫމާތު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އިންވެސްޓަރުންނާ ހިއްސާކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އިންވެސްޓަރުންނާއި އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖޭގެ އިޤްތިސާދާއި މާލިއްޔަތާ ގުޅޭގޮތުން މަޢުލޫމާތުދިނުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ޚާއްސަ މަޢުލޫމާތު ދިނުމުގެ ސެޝަންއެއް މިއަދު ބާއްވާފައިވާ ކަމަށެވެ.
މި ސެޝަން ބޭއްވުނީ ރާއްޖޭގެ މާލީ އަދި ފިސްކަލް ކަންކަމާ ބެހޭގޮތުން އިންވެސްޓަރުންނަށް މައުލޫމާތުދީ، އެފަރާތްތަކުގެ ހުރި ސުވާލުތަކަށް ޖަވާބުދިނުމުގެ ގޮތުން ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ސެޝަންގައި އިންވެސްޓަރުންނަށް މަޢުލޫމާތު ދެއްވާފައި ވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ އަހުމަދު މުނައްވަރާއި އެ ދެ އޮފީހުގެ އިސްވެރިން ކަމަށެވެ.
”ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވި މި ބައްދަލުވުމުގައި، ރާއްޖޭގެ މާލީ ހާލަތާއި، އިގްތިސާދީ ކުރިއެރުންތަކާއި، އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ސަރުކާރުން އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ތަފްސީލީ މަޢުލޫމާތު ދީފައިވޭ“ ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިފަދަ ސެޝަންތަކަކީ ރައްޖޭގެ މާލީ ހާލަތާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީ އިންވެސްޓަރުންގެ އިތުބާރު އިތުރުކޮށް، އެފަރާތްތަކައި އޮންނަ ގުޅުން ދެމެހެއްޓުމަށް ކުރެވޭ މުހިއްމު ކަމެއް ކަމަށެވެ.




