އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ހުއްދަ ނުނަގާ އޭވިއޭޝަން ސެކިއުރިޓީ ތަމްރީނުދޭތީ އެކަން ޑިފެންސް މިނިސްޓްރީން ސަމާލުކަމަށް ގެނެސްފިއެވެ.
ޑިފެންސް މިނިސްޓްރީގެ ގަވާއިދުގައި ބުނާގޮތުން، މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ބޭނުންވާ އޭވިއޭޝަން ސެކިއުރިޓީ ތަމްރީނުތައް ދޭ މަރުކަޒުތަކާއި އޭވިއޭޝަން ސެކިއުރިޓީ ތަމްރީނު ޕްރޮގްރާމްތަކާއި ކިޔަވައިދޭ މީހުން ވެސް އެ މިނިސްޓްރީން ހުއްދަ ނަގަން ޖެހެއެވެ.
މިކަމާ ގުޅޭގޮތުން ޑިފެންސުން އިއްޔ ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުއްދަ ނުހޯދައި، މުވައްޒަފުންނަށް ތަމްރީނު ފޯރުކޮށްދިނުމުގެ މަސައްކަތް، އެ ދާއިރާގެ ބައެއް މީހުން ކުރަމުން އަންނަކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެފަދަ ތަމްރީނުތައް ދިނުމާ ބެހޭ ގޮތުން ހަދާފައިވާ އުސޫލާ ހިލާފަށް ހިންގާ ތަމްރީނުތަކުގެ ސެޓްފިކެޓް ގަބޫލު ނުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ހުއްދަ ނެތި މިފަދަ ތަމްރީނުތައް ދެނީ ކޮންފަރާތްތަކަކުން ކަމެއް ޑިފެންސްގެ އިއުލާނުގައި ހާމަކޮށްފައެއް ނުވެއެވެ.




