އިސްތަށިގަނޑުގައި ކަޅުކުލަ ޖައްސައި ބޯ ކަޅުކުރުމަކީ ހުއްދަ ކަމެއް ކަމަށް ދިވެހި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ.
މިކަންހާމަކޮށްފައި ވަނީ ފަތުވާ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައެވެ.
ފަތުވާ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައިގައި މައިގަނޑު ދެ ރައުޔެއް ފާހަގަ ކުރެވޭ ކަމަށާއި އެއީ އެކަން ހުއްދަ ކަމަށް ބުނާ ރައުޔަކާއި ހުއްދަ ނޫން ކަމަށް ބުނާ ރައުޔެއް ކަމަށެވެ.
އެ ދެ ރައުޔު ވެސް ބިނާވެފައި ވަނީ ދަލީލު ތަކުގެ މައްޗަށް ކަމަށެވެ. އަދި މި މައްސަލަ ދިރާސާ ކުރައްވައި އިލްމުވެރިން ނެރުއްވައިފައިވާ ހުކުމްތައް ގުޅިފައިވަނީ އެބޭކަލުންގެ އިޖުތިހާދާކަމަަށް ފަތުވާ މަޖިލީހުން ބުންޏެވެ.
އެގޮތުން މިއީ އިޖުތިހާދީ މައްސަލައަކަށް ވާތީ އެ ދެ ރައުޔަކީ ވެސް އިލްމުވެރިން ގަބޫލު ކުރައްވާފައިވާ ދެ ރައުޔު ކަމަށްވެސް ފަތުވާ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ހުއްދަ ކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަކަމަށް ފާހަގަ ކުރެވިފައިވާތީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން ބުރަވަނީ އިސްތަށިގަނޑުގައި ކަޅުކުލަޖެއްސުން ހުއްދަ ކަމަށް ފަތުވާ މަޖިލީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.



