ބަރުދަން ލުއިކުރަން ހިޖާމާ ޖެހުމާ ގުޅޭގޮތުން ”ފަޒީސް ހިޖާމާ“ އިން ފޭސްބުކްގައި ކުރި ޕޯސްޓުގެ މައްސަލަ ބަލަން ފަށައިފި އެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަރުދަން ލުއިކުރުމާ ގުޅޭގޮތުން ފަޒީސް ހިޖާމާ އިން ކުރި ޕޯސްޓަކާއި ގުޅިގެން މިނިސްޓްރީއަށް ޝަކުވާތައް ލިބިފައިވާތީ އެކަން ބަލަމުންދާ ކަމަށެވެ.
ރާއްޖޭގައި ހިޖާމާގެ ހިދުމަތް ދެމުން އަންނަ ފަޒީސް ހިޖާމާ ކްލިނިކްގެ ފޭސްބުކް ޕޭޖުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ހިޖާމާގެ އެންމެ ސެޝަނަކުން 3-4 ކިލޯ ލުއިކޮށްލެވޭނެ ކަމަށެވެ.
އަދި ކުރިން އެ ޚިދުމަތްދެމުން އައީ 1000 ރުފިޔާއަށް ކަމަށާއި ނަމަވެސް މިހާރު އެ ޚިދުމަތް ދެނީ 500 ރުފިޔާއަށް ކަމަށް އެ ކްލިނިކުން ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.
އަދި އެއްކިލޯ ނަމަވެސް ލުއި ނުވެއްޖެނަމަ ޚަރަދު ކުރި ރުފިޔާގެ އިތުރުން 1000 ރުފިޔާ ދޭނެ ކަމަށް އެ ކްލިނިކުން ބުނެފައި ވެއެވެ.
“ ބަރުދަން ލުއިކުރަން ކަސްރަތުކޮށް ދުވަންގޮސް ޑައިޓް ކުރާކަށް ނުޖެހޭނެ، ހިޖާމާ ޖަހާނީ މަހަކު އެއް ފަހަރު. ﷲގެ ރަހުމަތްފުޅާއެކު އެތައް ސިއްހީ ފައިދާއެއް ލިބޭ“ އެ ކްލިނިކުން ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.
ހިޖާމާއިން ބަރުދަން ލުއިކުރުމަށް މީހުން ގަބޫލުކުރާ ފެންވަރަށް ސޯޝަލް މީޑިއާގައި ހެކި ހިއްސާކުރެވޭނީ ވަކި މިންވަރަކަށް ކަމަށާއި ހިޖާމާއިން އަސްލު ވެސް ބަރުދަން އެންމެ ސެޝަނަކުން اللهގެ ރަހުމަތުން ލުއި ކުރާ ކަމަށް އެ ހިސާބަށް ބުރަ މަސައްކަތުން މީހަކު ކާމިޔާބު ކުރީމާ ސިކުނޑިން ގަބޫލު ނުކުރަންޏާ އެއީ އީމާންކަން ބަލިކަށިވެފައިވުން ކަމަށްވެސް ފަޒީސް ހިޖާމާ ކްލިނިކް އިން ފޭސްބުކްގައި ކުރި އިތުރު ޕޯސްޓެއްގައި ބުނެފައި ވެއެވެ.



