މައްސަލަތައް ލަސްވަނީ، ކޮމްޕްރޮމައިޒްވެފައި ތިބި މީހުން މުއައްސަސާތަކުގައި ތިބުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.
ނާޒިމް މިހެން ވިދާޅުވެފައި ވަނީ މަޖިލީހުގެ 241 ކޮމިޓީން ބަލަމުން އަންނަ މިދިޔަ އަހަރު ހޯކްސް ކުންފުނިން ވަގަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލައަކާއި ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓުތަކެއް ގެއްލުނު މައްސަލަ އަދި ކަސްޓަމްސްގެ އޮފިސަރުންތަކެއްގެ އެކައުންޓުގައި 400 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ މައްސަލައަށް އިޝާރާތްކޮށެވެ.
އެގޮތުން އެކަމަށް އިޝާރާތްކުރައްވާ ނާޒިމް ވިދާޅުވީ މައްސަލަތައް ލަސްވަނީ ކޮމްޕްރޮމައިޒްވެފައި ތިބި މީހުން މުއައްސަސާތަކުގައި ތިބުމުން ކަމަށެވެ.
ތިރިން މައްޗަށް އައިސްފައި ތިބި ވެރީންނަކީ އެތާ ތިބި އެހެން މުވައްޒަފުންނާއެކު އެކަންކަމުގައި ބައިވެރިވެގެން ކޮމްޕްރޮމައިޒްވެފަ ތިބި މީހުން ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ނާޒިމް ވަނީ ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓުތަކެއް ގެއްލުނު މައްސަލައިގައި ކުންފުނީގެ ހިއްސާ ބަދަލުކުރީ ކަސްޓަމްސްގެ ބައިވެރިވުމާއެކުގައި ކަމަށް ތުހުމަތުކުރައްވާ އެއީ ދުރާލައި ރާވައިގެން ހިންގި ބޮޑު ޖަރީމާއެއްކަން ފާހަގަކުރައްވާފައެވެ.




