ސޯޝަލް މީޑިއާގައި ވަރަށް ހަލުވިކަމާއެކު ހަރަކާތްތެރިވާ ”ހަސަން ކުރުސީ“ ގެ ”އެކްސް“ އެކައުންޓު އަނެއްކާވެސް އެކްޓިވް ވެއްޖެއެވެ.
ކުރުސީގެ އެކައުންޓު ”އެކްސް“ އިން ސަސްޕެންޑު ކުރީ މިއަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހުގައެވެ. ސަސްޕެންޝަން އުވާލައި އެ އެކައުންޓު އަލުން ބޭނުން ކުރެވޭނެ ގޮތް ހަދާފައިވަނީ މިއަދުއެވެ.
އެނގިފައިވާ ގޮތުގައި ކުރުސީގެ އެކައުންޓު އެއިރު ސަސްޕެންޑު ކުރީ، ސަރުކާރާ ބެހޭގޮތުން ފިތުނަ އުފެދޭނެފަދަ ދޮގު ވާހަކަތަކެއް އޭނާ ފެތުރުމުން، ގިނަ ބަޔަކު އޭނާގެ އެކައުންޓު ރިޕޯޓު ކުރުމުންނެވެ.
ސޯޝަލް މީޑިއާގައި ބައެއްފަހަރު އޭނާ ހިއްސާކުރާ ވާހަކަތައް ގިނަ މީހުންނަށް ކަމުނުދިޔަ ނަމަވެސް، މި އަހަރުގެ އޭޕްރިލް މަހު 18ވަނަ ދުވަހު އިމާރާތެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ކުރުސީ ހިއްސާކުރި މައުލޫމާތުތަކުގެ ސަބަބުން، ގިނަ ބަޔަކު އޭނާއަށް ތަރުހީބުދީ ސަނާކިޔަން ފެށިއެވެ. އަދި ކުރުސީއަކީ ”ކޮންފިޑެންޝަލް“ މައުލޫމާތުތަކެއް އެނގޭ މީހެއްކަމަށް ގިނަ ބަޔަކަށް ވަނީ، އޭނާ ހިއްސާކުރާ މައުލޫމާތުތަކުގެ ސަބަބުން ޤަބޫލުކުރެވިފައެވެ.
ހަސަން ކުރުސީއަކީ ކުރީގެ ރައީސެއް ނުވަތަ ލީޑަރެއްކަމަށް ގިނަ ބަޔަކަށް ވަނީ ޤަބޫލު ކުރެވިފައެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަން މިހާތަނަށް ސާބިތު ކޮށްދެވިފައެއް ނުވެއެވެ. ސަރުކާރާ ދެކޮޅު އެކިކަހަލަ ވާހަކަތައް ފެތުރުމުގެ ސަބަބުން 2023 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވެސް ވަނީ، އެ އައިޑީގެ ފަހަތުގައިވާ މީހަކު ހޯދުމަށް އަމުރުކޮށްފައެވެ.



