ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ޖައްސާފައިވާ ފްލައިޓްތަކުގެ އަދަދު %5.8 އިތުރުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ވީއައިއޭއަށް ޖައްސާފައިވާ ފްލައިޓްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.
އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ވީއައިއޭއަށް ޖައްސާފައިވަނީ 7193 ފްލައިޓެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 7613 އަށް އިތުރުވެފައެވެ.
މީގެތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޝެޑިއުލްކޮށްގެން ރާއްޖެއަށް ދަތުރުކުރި ފްލައިޓްތަކުގެ އަދަދެވެ.
އެގޮތުން ޝެޑިއުލްކޮށްގެން މި މުއްދަތުގެ ތެރޭގައި ރާއްޖެ އައި ފްލައިޓްގެ އަދަދު ވަނީ %6.7 އިތުރުވެފައި ކަމަަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރުގެ ފުރަތަމަ 5 މަސްދުވަހު ޝެޑިއުލްކޮށްގެން ރާއްޖެ އައިސްފައިވަނީ 6523 ފްލައިޓެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 6961 އަށް އިތުރުވެފައެވެ.
ނަމަވެސް މިއަހަރު ޖެނެރަލް ފްލައިޓް މޫމަންޓްސް ވަނީ ދަށްވެފައެވެ. މީގެތެރޭގައި ހިމެނެނީ ޗާޓަރކޮށްގެން އައި ފްލައިޓްތަކާއި ޕްރައިވެޓް ޖެޓްތަކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 670 ފްލައިޓެވެ. ނަމަވެސް މި އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 652 ފްލައިޓެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ބައިނަލްއަޤްވާމީ ގިނަ އަދަދެއްގެ ފްލައިޓްތަކުން ދަނީ ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އަދި ޑިމާންޑް އިތުރުވާތީ ފްލައިޓްގެ އަދަދުވެސް އިތުރުކުރެއެވެ.



