މީގެ 8 އަހަރު ކުރިން ރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާ ބަދަލުކޮށް، ގަބުރުސްތާނުތައް ނަގައި އެ ތަންތަނުގައި ކުޅިވަރުކުޅޭ ތަންތަނާއި ޕާކުތައް ހެދުން ހުއްދައެއް ނުވާނެ ކަމަށް ނިންމައި ފަތުވާ ނެރެފިއެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ފަތުވާ މަޖިލީހުން ފާސްކުރި ”މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުމުގެ ހުކުމް“ އެ މަޖިލީހުގެ ވެބްސައިޓުގައި މިއަދު ވަނީ އާންމުކޮށްފައެވެ.
ކީރިތި ޤުރްއާންގެ ބައެއް އާޔަތްތަކަށް ހަވާލާދީ، އެ ފަތުވާގައި ބުނެފައިވަނީ އިސްލާމްދީނުގައި އާދަމްގެފާނުގެ ދަރީން، މާތްﷲ އުފެއްދެވި ގިނަ މަހުލޫގުތަކުންގެ މައްޗަށް މާތްކުރައްވައި މަތިވެރިކުރައްވާފައިވާ ކަމަށެވެ. އެ މަތިވެރިކަމަކީ މުސްލިމު އަޚާ ދިރިހުރުމާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި އަދި މަރުވުމަށް ފަހު ވެސް އެ އިހުތިރާމު ދެމިއޮންނަކަން ކީރިތި ރަސޫލާ (ޟޢވ) ގެ ހަދީސްތަކުން އެނގޭ ކަމަށެވެ.
އެގޮތުން ގަބުރުސްތާނު ކޮނެގެން ކަށިތައް ނަގައި، އެހެން ތަނަކަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ މީސްތަކުންގެ ހުރުމަތް ކެނޑޭ ކަމެއްކަން އެކި ހަދީސްތަކުން ދޭހަވާ ކަމަށް ފަތުވާގައި ބުނެފައިވެއެވެ.
ފަތުވާ މަޖިލީހުން ބުނެފައިވަނީ މިއީ، އިސްލާމީ ޝަރީއަތުގައ،ި ގިނަގުނަ ވައީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާން ފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެ ކަމަށެވެ.
މީގެކުރިން 2017 ވަނަ އަހަރު ނެރުނު ފަތުވާގައި ބުނެފައިވަނީ، އިސްލާމީ ބޮޑެތި ގައުމުތަކުގައި ޒަރޫރީ ހާލަތެއް މެދުވެރިވެއްޖެނަމަ، އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި އެފަދަ ގަބުރުސްތާންތަކުގެ ބިން ބޭނުންކުރާ ކަމަށެވެ. އޭގެ ތެރޭގައި މިސްކިތް އެޅުމާއި މަދުރަސާ ބިނާކުރުމާއި ހޮސްޕިޓަލް އެޅުމާއި މަގެއް ހެދުމާއި ފާލަމެއް އެޅުން ކަހަލަ ކަންކަން ހިމެނޭ ކަމަށް އެ ފަތުވާގައި ބުނެފައިވެއެވެ.




