ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކަށް އޭރު ހެދި އެއްބަސްވުން ގާނޫނާ ފުށޫއަރާ ކަމަށް ބުނެ މި ސަރުކާރުން ބަދަލު ގެނައި ނަމަވެސް، އެ ބަދަލު ނުގެންނަން ހައުސިން މިިނިސްޓްރީން މިއަދު ނިންމައިފިއެވެ.
ކުރިން ހެދި އެއްބަސްވުމުގައި އޮންނަނީ ގުޅިފަޅުން ގޯތި ލިބޭ މީހެއްގެ ނަމުގައި ”މާލެ ސަރަހައްދުން“ 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް އޮތް ނަމަ އެ ގޯތި ދޫކޮށްލަން ޖެހޭނެ ކަމަށެވެ.
ނަމަވެސް ހައުސިން މިނިސްޓްރީން އެކުލަވައިލި އައު އުސޫލެއްގެ ދަށުން އެއްބަސްވުމުގައި ވަނީ ”މާލެ ސަރަހައްދު“ އޮތް ތަން ބަދަލުކޮށް ”ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގޯއްޗެއް އޮތް ނަމަ“ އަށް ބަދަލުކޮށްފައެވެ.
ހައުސިންގް މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް މިދިޔަ ހޯމަ ދުވަހު ވިދާޅުވީ އެ ބަދަލު ގެންނަން ޖެހުނީ، ބިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ގޯތި ދޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިއިރު އެ މާއްދާއާ އެއްބަސްވުމާ ފުށޫ އަރާތީ ކަމަށެވެ.
ނަމަވެސް އެ ބަދަލު ގެނައިކަން ހާމަވީފަހުން ގުޅިފަޅުން ގޯތި ލިބޭ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން ވަނީ، މި ސަރުކާރުން އެއްބަސްވުމަށް ގެނައި ބަދަލު ބަލައިނުގަންނާނެ ކަމަށް ބުނެ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިންޒާރުދީ، އެ އެއްބަސްވުމުގައި ސޮއި ވެސް ނުކުރުމަށް ގޮވާލައިފައެވެ.
އޭގެ ފަހުން ރޭ ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހުކޮށްގެން މުޅި މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ނުދެކޭ ކަމަށެވެ.
އެހެންވެ، ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހައްލުކުރުމަށް ޓަކައި ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް އެކަމުގައި ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް އިއުލާނުގައިވެއެވެ.
އެ އިއުލާނާ ގުޅޭ އިތުރު ތަފުސީލު ދެއްވައި މުއްތަލިބު އެކްސްގައި ވިދާޅުވީ، މިނިސްޓްރީން ނިންމައިފައިވަނީ މިހާރު ސޮއިކޮށްފައިވާ އެއްބަސްވުން އެގޮތަށް ބާއްވާފައި، ގޯތި ނަންބަރު ބަދަލުވިކަމުގެ ލިޔުމެއްގައި ދެފަރާތުން ސޮއިކުރުމަށް ކަމަށެވެ. އަދި މިއީ އިތުރު ލަސްވުމެއް ނެތި އާ ރެޖިސްޓްރީތައް ހަދައި ގޯތިތައް ޙަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ގޮތުން ނިންމި ނިންމުމެއްކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.




